އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް އެޅި ފިޔަވަޅުތައް ވަގުތުން އުވާލުމަށް، ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައި ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ސަސްޕެންޑުކޮށް، ބައެއް މުވައްޒަފުން ވަޒީފާ އަދާކުރާ ތަން ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގއ. މާމެންދޫއަށް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ލަވައެއް ކިޔައިދިން އަންހެނެއްގެ ފިރިމީހާ ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް 15 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. އޭނާގެ އިތުރުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ އެ ރަށުގެ އިތުރު ތިން މީހަކާއި، ގއ. ވިލިނގިލިން ތިން މީހަކު ސަސްޕެންޑު ކުރި އެވެ.
ނަޝީދަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެގެން ބައެއް ކުންފުނިތަކުން މުވައްޒަފުންނާ މެދު އެޅީ ބޭއިންސާފު ފިޔަވަޅުތަކެއް ކަމަށާއި އެކަންކަން ހައްލުކުރަންޖެހޭނެ ކަމަށެވެ.
އެހެންނޫން ނަމަ އެ ކުންފުނިތަކުގެ މާލޭގައި ހުރި މައި އޮފީސްތަކަށް ގޮސް، އެތަންތަން "ހިސޯރު" ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ސަރުކާރަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާންވީ، މި އިންތިހާބުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން އަޅުގަނޑުމެންނަށް ތާއިދުކުރި މީހުންނަށް ވަނީ ބޭއިންސާފުން އަމަލުކޮށްފައި. އަޅުގަނޑު ސަރުކާރަށް ގޮވާލަން ބޭނުންވަނީ ތިބޭފުޅުން އެކަންކަން މާދަމާ ރަނގަޅު ކުރައްވާށޭ. ނޫންނަމަ އަޅުގަނޑުމެން ނުކުންނާނަމޭ. އަޅުގަނޑުމެން ތި ހުރިހާ ކުންފުންޏެއްގެ މާލޭގައި މިހުރި ހެޑް އޮފީސްތައް އޮކިއުޕައި ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާނަން. ސަރުކާރުން އެއްވެސް މީހަކާ މެދު ބޭއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަޅުގަނޑުމެން ތިބޭނީ ބަލަބަލާ. އަޅުގަނޑުމެން ތިބޭނީ ހަރަކާތަށް އަންނަން އަބަދުވެސް ތައްޔާރަށް."
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި. މެންބަރު މީކާއިލް ނަސީމާ ވާދަކުރައްވައި ނަޝީދު މި މަގާމު ކާމިޔާބު ކުރެއްވީ ގުނުނު ވޯޓު ފޮށިތަކުގެ ބޮޑު އަގުލަބިއްޔަތަކުން.
ޗެއާޕާސަންގެ އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރެއްވި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ މައްޗަށް، އެމްޑީޕީގެ ރައީސް ކަމާއި ޗެއާޕާސަންކަން ކުރިން ކުރައްވާފައިވާ ނަޝީދު ކުރި ހޯއްދެވީ 68 ޕަސެންޓުންނެވެ.
މި ކާމިޔާބީ ހާސިލްވުމުގައި އެމަނިކުފާނު މި ކެމްޕޭނުގެ ތެރޭގައި އިދިކޮޅު ލީޑަރުގެ ގޮތުގައި މުހާތަބު ކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ރަމްޒަކީ އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމެވެ.
"މި ޕާޓީއަކީ އެއްވެސް މީހެއްގެ ޕާޓީއެއް ނޫން. މިއީ ތިބޭފުޅުންގެ ޕާޓީއެއް،" ނަޝީދު މެންބަރުންނަށް ވިދާޅުވި އެވެ.
އާދީއްތަ ދުވަހު އެމްޑީޕީގެ އޮފީހުގައި ރަސްމީކޮށް މަސައްކަތް ފަށްޓަވާނެ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ "ކަމެއްގެ ފެށުމެއް" ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަން ހިތުއަޅައިގެން މިތިބި ކަމަކީ މި ދިވެހިރާއްޖެ ސަލާމަތްކުރުން. އަޅުގަނޑުމެންގެ ތަނަވަސްކަމާއި، އަޅުގަނޑުމެންގެ ހިތްހަމަޖެހުމާއި، އަޅުގަނޑުމެންގެ މުސްތަގުބަލު އަނެއްކާވެސް އަޅުގަނޑުމެން ހޯދުން. އެ ހޯދެން އޮތީ ތިބޭފުޅުންނާ އެކީގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރީމާ،" އެމްޑީޕީގެ 2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެން މިދިޔަ އަހަރު އަލުން ޕާޓީއާ ގުޅިވަޑައިގެންނެވި ނަޝީދު ރޭ ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އިންޒާރެއް: މުވައްޒަފުންނަށް ބޭއިންސާފުން އެޅި ފިޔަވަޅުތައް އުވާނުލައިފި ނަމަ އޮފީސްތައް "ހިސޯރު"ކުރާނަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ