އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ބުރަ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުން މީކާއީލްގެ މިސާލު ބެއްލެވުމަށް ގޮވާލައްވައިފިއެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މީކާއީލް ދެއްކެވި ހިތްވަރާއި ކުރެއްވި މަސައްކަތަކީ އަބަދުވެސް އެމަނިކުފާނަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ. ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ 68 ޕަސެންޓުގެ ބޮޑު ތަފާތަކުންނެވެ.
"ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ އެންމެހާ ޒުވާނުން ބައްލަވަންވީ އެ މިސާލު. ނުކުންނަވާންވީ. ހުރިހާ ބޭފުޅުން ވެސް ނުކުންނަވާންވީ،" ޒުވާނުންނަށް ހިތްވަރު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތުގައި ތި ހުރިހާ ބޭފުޅުން ވެސް އުޅުއްވާންވީ. އަޅުގަނޑު ތިބޭފުޅުންނާއެކު އަބަދުވެސް ހުންނާނަން."
ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ގައުމެއްގެ ހަޔާތުގައި ވެސް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކޮށްލާ ފަދަ ނާޒުކު ދަނޑިވަޅުތަކެއް އަންނާނެ ކަމަށާއި، ރާއްޖެ މިއަދު ދެކެމުންދަނީ އެފަދަ ވަގުތުކޮޅެއް ކަމަށެވެ.
"މިރެއަކީ ނިމުމެއް ނޫން. މިރެއަކީ ކަމެއްގެ ފެށުމެއް. އަޅުގަނޑުމެން ކުރާން ހިތުއަޅައި މިތިބި ކަމަކީ މި ދިވެހިރާއްޖެ ސަލާމަތްކުރުން. އަޅުގަނޑުމެންގެ ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި، މުސްތަގުބަލް އަނެއްކާވެސް ހޯދުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށަށް ކުރެއްވި ދަތުރުތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްގީ ހުއްޓި، ބޭއިންސާފު އިތުރުވެ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
މީކާއީލްގެ މިސާލުން ހިތްވަރު ހޯދުމަށް ނަޝީދު ޒުވާނުންނަށް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ