މާފަރަށް އިއްޔެ މެންދުރުފަހު ވެހުނު ބޯވާރެއާއެކު، 10 ގެއަކަށް ފެން ވަދެއްޖެ

އިއްޔެ މެންދުރުފަހުގެ ވަގުތަކުން ފެށިގެން އިރުއޮއްސެންދެން ނ. މާފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 10 ގެއަކަށް ފެން ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. 'ސަން'އަށް މައުލޫމާތު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަބްދުލްޣަނީ ވިދާޅުވީ އެ ރަށަށް ވާރޭ ވެހެން ފެށީ އިއްޔެގެ މެންދުރު 14:15 ހާއިރު ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި އާދަޔާ ޚިލާފަށް ފެންބޮޑުވާކަން ފާހަގަވުމުން، ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، އެމްއެންޑީއެފުން 15:30 ހާއިރު ކޯރުކެނޑުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައް ފެށިއެވެ. އަދި ފެން ހިންދުމުގެ މަސައްކަތް ނިންމާލެވުނީ ދަންވަރު 00:30 ހާއިރު ކަމަށާއި އޭރު 10 ގެއަކަށް ފެންވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯކޮށް ވާރޭވެހި ނ. މާފަރުގައި ފެން ބޮޑުވެފައި -- "ދެން ބައެއް ގޭގޭގެ ކޮޓަރިއަށްވެސް ފެންވަދެފައި ހުރި. އެކަމަކު މުދަލަކަށް ގެއްލުންވިކަމުގެ ޝަކުވާއެއް އަދި އަޅުގަނޑުމެންނަކަށް ނާދޭ. އެހެންނަމަވެސް އަލަމާރިފަދަ ތަކެތި، ލަކުޑީގަ ވީމަ އެ ތަކެތީގައި ފެން ޖެހިފަ ހުރީމަ އެއީ އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެއޭ،" އޭނާ ވިދާޅުވިއެވެ. އެފަދަ ހާލަތްތަކުގައި އެހީ ފޯރުކޮށްދޭ ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން "ސަން"އަށް ބުނީ 10 ގެއަކަށް ފެން ވަދެފައިވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކޮށްފައިނުވާ ކަމަށް އެ އޮތޯރިޓީއިން ވަނީ މައުލޫމާތު ދީފައެވެ. އެމްއެންޑީއެފްއިން ބުނީ މާފަރުން ފެން ހިންދުމުގެ މަސައްކަތުގައި ހަވީރުން ފެށިގެން ދަންވަރާ ހަމަޔަށް ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ގޯނި ޖަހާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މާފަރުގެ މަގުތަކުގައި ފެން ބޮޑުވުމުން އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތަެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް އެ މުއައްސަސާއިން ބުނީ މާފަރު މަގުތަކުގައި ބޮޑުވެފައި އޮތް ފެންގަނޑު ހިއްކައި މަގުތައް އާންމު ހާލަތަކަށް ގެނެވުނީ ރޭގެ ދަންވަރު 00:17 ހާއިރު ކަމަށެވެ. މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ ވިއްސާރަކޮށްފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބުނެފައެވެ. ފާއިތުވި ދުވަސްތަކުގައި ވިއްސާރަވި ނަމަވެސް، ކުރިއަށް އޮތް ދެތިން ދުވަހު މާ ބޮޑަށް ވިއްސާރަނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަން އެ އިދާރާއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ