ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އަތުން 4-1އިން ބަލިވުމަކީ އެއްގޮތަކަށް ވެސް އުއްމީދު ކުރި ނަތީޖާއެއް ނޫން ކަމަށާއި ހުރިހާ ގޮތަކުން ވެސް އެމެރިކާ މާމޮޅު ކަމަށް ޕެރެގުއޭގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޕެރަގުއޭ ވޯލްޑް ކަޕުގައި ކުޅުނު މެޗުގައި ދަނޑުމަތިން ފެނުނީ ހުރިހާ ގޮތަކުން ވެސް އޭނާގެ ޓީމު ފެންވަރު ނެތްކަން ކަމަށެވެ.
"މުޅި މެޗަށް ބެލީމާ އެނގުނީ އެ މީހުން މާބޮޑަށް ވެސް ތަފާތުކަން. ރޭވުންތެރިކަމާއި ހުނަރާއި ތައްޔާރުވުމާއި ހުރިހާ ގޮތަކުން ވެސް އަހަރުމެން އުޅެނީ ފަހަތުގައި. ވޯލްޑް ކަޕެއްގައި މިހާ ދުވަސްކޮށްފައި ކުޅޭއިރު މިފަދަ ތަފާތު ބޮޑު ބައްޔެއް ވުމަކީ ވަރަށް ހިތްދަތިވި ކަމެއް. މިއީ ވަރަށް ބޮޑު ފިލާވަޅެއް،" އާޖެންޓީނާ އަށް އުފަން ކޯޗު ބުންޏެވެ.
މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން މައި ގައުމު ކަމަށްވާ އެމެރިކާގެ ސޯފީ ސްޓޭޑިއަމުގައި ކުޅުނު މެޗުން ބަލިވުމަކީ ކުރިއަށް ދާން އޮތް ހުރަހެއްކަން ވެސް ކޯޗު ފާހަގަ ކުރި އެވެ. ގްރޫޕް ޑީގައި މި ދެ ގައުމާއެކު ވަނީ އޮސްޓްރޭލިޔާ އާއި ތުރުކީ އެވެ.
"އެމެރިކާ މޮޅުވީ ހުރިހާ ގޮތަކުން މޮޅުވީމަ. އަދި ވަރަށް ޖަޒުބާތާއެކު. އެ މީހުންގެ ނިންމުންތަކާއި މެޗަށް ތައްޔާރުވެފައި ތިބި މިންވަރާއި އެހެނިހެން ކަންކަން ވެސް ބަރާބަރު. މިކަމުން ދައްކައިދެނީ އަހަރުމެންނާއި ދުނިޔޭގެ ވަރުގަދަ ގައުމުތަކާ ފުޓްބޯޅައިގައި ހުރި ތަފާތު،" ކޯޗު ބުންޏެވެ.
ފުޓްބޯޅައިގައި ޕެރަގުއޭގެ އެންމެ ބޮޑު ކާމިޔާބީ އަކީ 1953 އާއި 1979ގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމެވެ. އޭގެ ފަހުން ފުޓްބޯޅަ ކުރިނޭރުމުގެ އެންމެ ބޮޑު ސަބަބަކު ތަކަކީ ދެފުށް ފެންނަ ނިޒާމެއް ނެތުމާއި މެޗު ފިކްސިން އާއި ކޮރަޕްޝަނުގެ މައްސަލަ އެވެ. މީގެ ސަބަބުން ގައުމުގައި ވަރުގަދަ ލީގެއް ވެސް ނެތެވެ. މޮޅު ކުޅުންތެރިން ދަނީ ޔޫރަޕުގެ ލީގުތަކަށެވެ. ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ 2010 ވަނަ އަހަރު ކުއާޓާ ފައިނަލަށެވެ.
އެމެރިކާ މެޗުން ފެނުނީ ޕެރަގުއޭގެ ފެންވަރު ނެތްކަން: ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ