ރާއްޖޭގައި އުޅޭ ކޮންމެ 15 މީހަކަށް ސިވިލް ސަރވަންޓެއް އެބަހުރި: މިނިސްޓަރ ޝަފީއު

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 15 މީހަކަށް ސިވިލް ސަރވަންޓެއް ހުރިކަމަށާއި، މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝަފީޢު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސިވިލް ސާވިސްގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި 32,500 މުވައްޒަފުން ތިބިއިރު، ކޮންޓްރެކްޓް މުވައްޒަފުންނާއެކު މި އަދަދު ގާތްގަނޑަކަށް 35,000 އަށް އަރައެވެ. "އާބާދީގެ ކޮންމެ ފަނަރަ މީހަކަށް ސިވިލް ސަރވިސްއަށް އެބަހުރި. ނިސްބަތުން ބަލާއިރުގައި އަޅުގަނޑު ދަންނަވައިލާހިތްވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް، ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ބިދޭސީން ވެސް ހިމެނޭ ގޮތަށް ފަނަރަ މީހަކަށް ސިވިލް ސަރވަންޓެއް ހުރުމަކީ އެއީ ވަރަށް ބޮޑު އަދަދެއް،" މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް ކަމަށާއި، މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު ދައުލަތުގެ ބަޖެޓުން މިކަމަށް ބޮޑު ހޭދައެއް ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާނެ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ބާރަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް އަޅުގަނޑުމެންގެ އޮފީސްތައް ވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އެދުމަކީ އަވަސް ޚިދުމަތެއް ލިބުންކަން ފާހަގަކުރައްވައި، މުވައްޒަފުން މަސައްކަތަށް ޤަވާއިދުން ނިކުތުމަކީ ޚިދުމަތް އަވަސްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚިދުމަތްތައް ލަސްވާނަމަ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ގެ މަސައްކަތަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ނިޒާމެއް ބައްޓަން ކުރުމަށް އަޒުމު ކަނޑައެޅުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ