"ކޮރަޕްޝަން ނައްތާލަން އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ސިވިލް ސަރވެންޓުންނަށް"

ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިއަހަރު ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ތަޢުލީމީ ވަޒީރު ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިފަހައްޓަންޖެހޭ މަސައްކަތުގެ އަޚްލާޤަށް އަލިއަޅުވާލައްވާފައެވެ.
ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގައި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށެވެ.
ދިވެހި ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވަޒަފުން ހިމެނޭހެން 35،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ޚިދުމަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެޖެޓުންވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ބޮޑު ޚަރަދެއް ކުރާ ކަމަށް ވަޒީރު ވިދާޅުވއިެވެ.
ރައްޔިތުންގެ އަބަދުވެސް އެދުމަކީ އަވަސް ޚިދުމަތެއް ލިބުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަން ކުރެވޭނީ މުވައްޒަފުން މަސައްކަތަށް ޤަވާއިދުން ނިކުތުމުންކަމަށެވެ. އަދި އޮފީސްތަކުން ދޭ ޚިދުމަތްތައް ލަސްވާނަމަ އެއިދާރާއަކަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ކުޑަވާނެ ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ބޭނުންވާ ރައްޔިތުންގެ ފައިސާއިން އެންމެ ހިތްހަމަ ޖެހޭ ފަދަ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް، އަޅުގަނޑުމެންގެ އޮފީސްތައް އިރާދަކުރެއްވިއްޔާ ވެގެންދާނެ." ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ކޮރަޕްޝަން ނައްތާލައި މަސައްކަތް ކުރެވިއްޖެނަމަ، ރައްޔިތުންނަށް އިސްކަންދޭ ނިޒާމެއް ޤާޢިމްކުރެވި މަސައްކަތް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ތަޢުލީމީ ވަޒީރު ވިދާޅުވީ ކޮންމެ އިދާރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަންގަޅު ކުރެވޭނެ ކަންކަން ބަލަން ޖެހޭ ކަމަށެވެ. އަދި ބަދަލުތައް ގެނެވިއްޖެނަމަ ރައްޔިތުންނަށް އިސްކަންދީގެން ޚިދުމަތް ދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރެވޭނެ ކަމަށެވެ.
ސަރުކާރުންވެސް މިކަމަށް އިސްކަންދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މޯލްޑިވްސް 2.0 ގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއަހަރު ފަހުކޮޅު އަދި އަންނަ އަހަރުތެރޭ މިކަމުގެ ކަންކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ، މިމަސަކަތް ސަރުކާރުން ފެއްޓެވީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއް މަސައްކަތް ކުރުމަށެވެ.
ވަޒީރު ވާހަކަފުޅު ނިންމަވާލެއްވީ، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަން ކުރުމަށް ސިވިލް ސާވިސް މުވައްޒަފުން އަޒުމު ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ