އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތައް އިޝްތިހާރު ކުރުމަށް، އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭގެ ލަވަތައް ބޭނުން ނުކުރުމަށް އޭނާ ވައިޓް ހައުސް އަށް އަންގައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަރިއާނާ އެގޮތަށް އެންގީ އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ރަސްމީ ޓިކްޓޮކް އެކައުންޓުން ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ.
އެމެރިކާގެ ފެޑެރަލް އެޖެންޓުން ބައެއް މީހުންގެ އަތުގައި ބިޑިއަޅުވައި، ހައްޔަރުކޮށްގެން ޑިޓެންޝަން ސެންޓަރުތަކަށް ގެންދާ މަންޒަރު ދައްކުވައިދޭ އެ ވީޑިއޯގެ ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އަރިއާނާގެ 2024 ވަނަ އަހަރުގެ މަގްބޫލު ލަވަ "ބާއި" އެވެ.
އެ ވީޑިއޯއަށް ކުރި ކޮމެންޓެއްގައި އަރިއާނާ ބުނެފައި ވަނީ "މިފަދަ އަނިޔާވެރި، އިންސާނިއްޔަތާ ހިލާފު، އަދި ނުބައި އަމަލުތަކާ ގުޅުވައިގެން އަހަރެންގެ މިއުޒިކް ދުވަހަކު ވެސް ބޭނުން ނުކުރުމަށް އެދެން،" އެވެ.
އަރިއާނާގެ ކޮމެންޓަށް ރައްދު ދީ ވައިޓް ހައުސްގެ ތަރުޖަމާނު އަބިގޭލް ޖެކްސަން ވިދާޅުވީ ހަގީގަތުގައި ވެސް އަނިޔާވެރި، އިންސާނިއްޔަތާ ހިލާފު އަދި ނުބައި ބަޔަކީ ކުށްތަކަށް އަރައިގަނެ، އެމެރިކާގެ ކުށެއް ނެތް ރައްޔިތުން ޒަހަމްކޮށް މަރަމުންދާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.
އަރިއާނާގެ ކޮމެންޓަށް ފަހު ވައިޓް ހައުސް އިން ވަނީ އެ ވީޑިއޯގެ އަޑު ކަނޑާލައި، އަރިއާނާ ކުރި ކޮމެންޓު ވެސް ޑިލީޓްކޮށްލައިފަ އެވެ. އަރިއާނާގެ ކޮމެންޓު ޑިލިޓްކުރުމުން ގިނަ ބަޔަކު ވަނީ އެމެރިކާ ސަރުކާރަށް ފާޑުކިޔައިފަ އެވެ.
އެމެރިކާ ސަރުކާރުގެ ވީޑިއޯތަކުގައި އަރިއާނާގެ މިއުޒިކް ބޭނުން ނުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ