ސްޕޭސްއެކްސް ހިއްސާގެ ބާޒާރަށް، މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް!

އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ހިއްސާ އާންމުންނަށް ފުރަތަމަ ފަހަރަށް އިއްޔެ ވިއްކަން ފެށުމާ އެކު ހިއްސާގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓް މައްޗަށް ގޮސް ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު ފުރަތަމަ ޓްރިލިއަނަރަށް މަސްކު ވެއްޖެ އެވެ.
އެއް ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު މިލްކިއްޔާތެއް ހުރި މީހަކަށް މަސްކު ވީ ތާރީހުގައި ވެސް އެންމެ ގިނަ ފައިސާ ހޯދި މި އައި.ޕީ.އޯ މެދުވެރިކޮށް 75 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބުމާ އެކުގަ އެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ހިއްސާގެ ބާޒާރަށް ނުކުތުމަށް ބާރަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ނިއު ޔޯކްގެ ނޭޒްޑެކް އެކްސްޗޭންޖުގައި މި ކުންފުނީގެ ހިއްސާ ވިއްކަން ފެށުމާ އެކު، އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ހިއްސާއެއް ވިއްކަން ފެށި އަގަކީ 135 ޑޮލަރު ނަމަވެސް، އަގު އުފުލެމުން ގޮސް 176 ޑޮލަރަށް (31 ޕަސެންޓް މައްޗަށް) އެރި އެވެ. އަދި ބާޒާރު ބަންދުވިއިރު ހިއްސާއެއްގެ އަގު ހުރީ 161.50 ޑޮލަރުގަ އެވެ.
"ސްޕޭސްއެކްސް އިން ބޭނުންވަނީ ތިޔަބޭފުޅުން ހަނދަށް، މާސް އަށް، އަދި އެއަށްވުރެ ވެސް ދުރަށް ގެންގޮސްދޭން،" ޓެކްސަސްގެ ސްޓާބޭސްގައި ބޭއްވި ހަފްލާއެއްގައި މަސްކް ވިދާޅުވި އެވެ.
މި ހަފްލާގައި ބައިވެރިވި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ މި ހިއްސާ ވިއްކަން ފެށުމާ އެކު މިލިއަނަރުންނަށް ވެފަ އެވެ.
ހިއްސާ ވިއްކަން ފެށުމުގެ ކުރިން ސްޕޭސްއެކްސްގެ އަގަކީ 1.8 ޓްރިލިއަން ޑޮލަރު ކަމަށް ބެލެވުނު ނަމަވެސް، ހުކުރު ދުވަހުގެ ވިޔަފާރިއާ އެކު ކުންފުނީގެ އަގު ވަނީ 2 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ. މިއާ އެކު އެމެރިކާގެ އެންމެ އަގުބޮޑު 10 ކުންފުނީގެ ތެރޭގައި ސްޕޭސްއެކްސް ހިމެނި، ޓެސްލާ، މެޓާ (ފޭސްބުކް) އަދި ވޯލްމާޓަށްވުރެ ކުރިއަށް ވަނީ ޖެހިލައިފަ އެވެ.
ރޮކެޓް އުފައްދާ ކުންފުންޏެއްގެ ގޮތުގައި 2002 ވަނަ އަހަރު ފެށި ސްޕޭސްއެކްސް ވަނީ މިހާރު ސެޓެލައިޓް ހިދުމަތްދޭ ބޮޑު ކުންފުންޏަކަށްވެ، މަސްކްގެ އެހެން ކުންފުންޏެއް ކަމަށްވާ އެކްސްއޭއައި (އެކްސް ސޯޝަލް މީޑިއާ ހިމެނޭހެން) ވެސް މީގެ ދަށަށް ބަދަލުކޮށްފަ އެވެ. ބާޒާރުގައި މި ކުންފުނި ޓްރޭޑް ކުރަނީ "SPCX" ގެ ނަމުގަ އެވެ. މީގެ ސަބަބުން "އޯޕަންއޭއައި" އަދި "އެންތްރޮޕިކް" ފަދަ ވާދަވެރި އޭއައި ކުންފުނިތަކުން ވެސް ބާޒާރަށް ނުކުތުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ކާމިޔާބީއާއެކު ވެސް، ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކުންފުންޏަށް 2025 ވަނަ އަހަރު 18.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އޭއައި އަށް ކުރި ބޮޑު ހޭދައިގެ ސަބަބުން 4.9 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ. ކުންފުނީގެ ކުރިމަގު ބިނާވެފައިވަނީ އަދި ސާބިތުނުކުރެވޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާސްއަށް މީހުން ގެންދިއުމާއި، ޖައްވުގައި ޑޭޓާ ސެންޓަރުތައް ހެދުން ފަދަ ސައިންސް ފިކްޝަން ކަންތައްތަކެއް ހަގީގަތަކަށް ހެދުމުގެ މައްޗަށެވެ.
މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމުން ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު އެލިޒަބަތު ވޮރެން ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުން މުސްކުޅިވާއިރު ބޭނުންކުރަން ފައިސާކޮޅެއް ރައްކާނުކުރެވިގެން އުޅޭއިރު، ދުނިޔެއަށް ފުރަތަމަ ޓްރިލިއަނަރަކު އުފެދުމުން އެކަމާ އުފާކުރަންވީ ނޫން ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ