އެމެރިކާއާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑު: އީރާން

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެކުލަވާލާ އެއްބަސްވުމުގެ ދެލިކޮޕީ ފައިނަލްވުމާ އެކު، ދެ ފަރާތުން އޭގައި ސޮއިކުރާނީ "ރިމޯޓްކޮށް" ކަމަށާއި. އަދި މިކަން ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. 
"މަޝްވަރާތަކުގެ ފަހު މަރުހަލާތައް ނިމުނުހާ އަވަހަކަށް، މި އެއްބަސްވުމުގައި ސޮއިކޮށް އިއުލާން ކުރެވޭނެ. ސޮއިކުރުން ފުރަތަމަ އޮންނާނީ ޑިޖިޓަލްކޮށް. ކޮންމެ ފަރާތަކުން ވެސް ސޮއިކުރާނީ ރިމޯޓްކޮށް. އެއަށްފަހު، ދެ ފަރާތުން މި އެމްއޯޔޫގައި ސޮއިކޮށްފިކަން އިއުލާންކުރާނެ،" ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވި އެވެ.
"މިކަން ކުރިއަށް އޮތް ދުވަސްތަކުގައި ވެދާނެ. އަޅުގަނޑު ވަރަށް އުންމީދު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އިސް ވެރިންނާއި އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމުން ފެށުނު ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް ހެދި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް" އާ މެދު އެއްބަސްވުމަކަށް އައުމަށް "މިއަށްވުރެ ކައިރިއަށް ދުވަހަކު ވެސް ދެވިފައި ނެތް" ކަމަށް އަރަގްޗީ ކުރިން ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ އީރާނަށް ދިނުމަށް ރާވާފައިވާ ހަމަލާތަކެއް އޭނާ ކެންސަލް ކުރައްވާފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވިދާނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އަރަގްޗީގެ އިންޓަވިއުގައި ވިދާޅުވީ، މި އޮނިގަނޑުގެ ތަފްސީލުތައް ހާމަކުރައްވާނީ އެއްބަސްވުން "ނިމި، ފައިނަލްވުމުން" ކަމަށާއި، މި ވަގުތު ތަފްސީލަށް ދިއުމުން އެއްބަސްވުމުގައި ސޮއިކުރުމަށް "ހުރަސް އެޅިދާނެ" ކަމަށެވެ.
ނަމަވެސް، އެޕްރީލް 13 އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް  އުވާލުމާއި، ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ އިންތިޒާމުތައް މި ދެލިކޮޕީގައި ހިމެނޭކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ ދަށުގަ އެވެ. އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ ވަރަށް މަދު އުޅަނދަކަށެވެ. އަދި އެތަނުން ހުރަސްކުރާ އުޅަނދުތަކުން އީރާނު ސިފައިންގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އީރާނުން ބުނެ އެވެ.
"ކަނޑުގެ މަގުން ބަންދުކޮށްފައިވާ ބަންދުކުރުންތައް އެއްކޮށް ދޫކޮށްލަންޖެހޭނެ. އެއީ އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ފުރަތަމަ ކަންތައް،" އަރަގްޗީ ވިދާޅުވި އެވެ.
"އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ދެން ކުރިން ބޭނުންކުރި ގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ނިންމުމެއް ނިންމާފައި،" މިކަމާ ގުޅޭގޮތުން އުމާނާއެކު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅިއަކީ އީރާނުގެ ދިފާއީ އެންމެ މުހިންމު އެއް ވަސީލަތެވެ.
މީގެ އިތުރުން، ވޮޝިންޓަނުން އެންމެ ބޮޑަށް ކަންބޮޑުވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްގެ ތަފްސީލުތަކާ ބެހޭގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލިބޭ 60 ދުވަހުގެ މުއްދަތުގައި މަޝްވަރާކުރާނެކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތަކީ، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްއާ މެދު އަމަލުކުރެވޭނެ ހަމައެކަނި ގޮތަކީ އީރާނުގެ އެތެރޭގައި އެ ތަކެތީގެ ބާރު ކުޑަކުރުން [ޑައިލޫޓް ކުރުން]،" އަރަގްޗީ ވިދާޅުވި އެވެ.
މި އިންޓަވިއުގައި އޭނާ ވަނީ، ހުރިހާ ފަރާތްތަކަކުން، ހާއްސަކޮށް އިޒްރޭލުން މި އެއްބަސްވުމަށް ހުރަސްއަޅައި ނާކާމިޔާބުކޮށްލަން މަސައްކަތްކޮށްފާނެތީ އެކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"އަޅުގަނޑު ސާފުކޮށް ދަންނަވާނީ މި އެއްބަސްވުމުގެ ދުޝްމަނުން އެބަތިއްބޭ. އޭގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ޒަޔަނިސްޓް ދައުލަތް (އިޒްރޭލު). އެމީހުން މިކަން ފޭލްކޮށްލުމަށް ބަހަނާތައް ހޯދަމުންދަނީ،" އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ