ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މުންދު

ކަރަަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާކަމަށް ސަރުކާރުގެ އިސްތަަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިފަދައިން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "ޕްރެސާ ވިތު ދަ ސްޕޯކްސް" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނޫސްވެރިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ކަރަންޓު ބިލު ކުޑަކުރުމުގެ މަސައްކަތަކީ، ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް މައްސަލައަކަށްވާތީ ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މި ސަރުކާރުގެ އަމާޒަަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނަވި ހަކަތައިން އުފެއްދުންކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ އެކަމާ ގުޅޭ ބައެއް މަޝްރޫއުތައް ހަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި މިގޮތަށް ހަވާލުކުރާ މަޝްރޫއުތަކުގައި ކަރަންޓު އުފެއްދުމަށްފަހު ވިއްކޭނެ އަގު ސަރުކާރުން ކަނޑައަޅާ ކަމަށާއި އެކަމުގެ ސަބަބުން ސޯލާއާއި ބެޓަރީ ހައްލުތަކަށް ދާއިރު ސަބްސިޑީއެއް ނުދިނަސް މިހާރަށްވުރެ ކަރަންޓު އަގުހެޔޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މުންދު ވިދާޅުވީ ކަރަންޓު އުފެއްދުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އިދާރީ އޮނިގަނޑަށްވެސް ބަދަލުތައް ގެނެވޭނެ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ފެނަކައިން ވަކިކޮށް ސްޓެލްކޯއާ ހަވާލުކުރުމަކީ މިގޮތުން ކުރެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން މިފަދަ މަސައްކަތްތަކެއް ކުރަމުންދާއިރު މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯގެ ކަސްޓަމަރުންނާއި، ފެނަކައިގެ ޚިދުމަތް ހޯދާ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު އެންމެ 400 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު، މި މަހުގެ ބިލު މިހާ ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް އަންނަނީ ބިލު ބޮޑުވި ގޮތާމެދު ސުވާލު އުފައްދަމުންނެވެ.
މި މައްސަލައާއި ގުޅިގެން ފެނަކައިން ވަނީ ކަރަންޓު ބިލު، ބިލުކުރުމުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި ބިލު ބޮޑުވެފައި ވަނީ ހޫނުވުމުގެ ސަބަބުން ކަރަންޓު އުފެއްދި މިންވަރު އިތުރުވުމުން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ