ކާޑު މުއާމަލާތްތަކަށް ގެނައި ބަދަލުގެ އަސަރު ބޭރުގައި ދިރިއުޅޭ މީހުންނަކަށް ނުކުރާނެ: ބީއެމްއެލް

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ވެބްސައިޓުތަކުން މުއާމަލާތް ކުރެވޭ އަދަދު ލިމިޓުކުރި ނަމަވެސް، އޭގެ ސަބަބުން ރާއްޖޭން ބޭރުގައި ދިރިއުޅޭ އަދި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ އެއްވެސް ކާޑަކަށް އޭގެ އަސަރު ނުކުރާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ، ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ، އެ ބޭންކުން ވަނީ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފަ އެވެ.
ތަފްސީލް - ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ލިމިޓުކުރުމުން އާންމުންގެ ނުރުހުން ބޭންކަށް އަމާޒުވެފައިވަނިކޮށް އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން:
ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ބޭންކުން ވަނީ ދީފައި
އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ދަރިވަރުންނަށް ބޭނުން ކުރެވޭނެ 
ސައީދު ވިދާޅުވީ ބޭންކުގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން މުއާމަލާތްކުރުމުގައި ބަދަލެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު މަދުވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށް ވުރެ ނިސްބަތުން ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ވިއްކަން ޖެހިފައިވާތީ ކަމަށެވެ. އެގޮތުން:
ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ދިޔަ
ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ވާނީ ހަރުދަނާކޮށްފައި
"މިދެންނެވި ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން މިދަނީ ވިއްކަމުން. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން [ބައެއް ރީޓެއިލް ސައިޓްތަކުން] ވިޔަފާރިއެއް ނުކުރެވޭނެ. އެހެނިހެން ސައިޓްތަކުން ހިދުމަތް ހޯދުމަށް ބުރުލެއްނާރާނެ،" ސައީދު ވިދާޅުވި އެވެ.
އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް ދަނީ އަންގަމުންނެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލާ މުއާމަލާތްތަކަށް ބޭނުންކުރެވޭނެ އެވެ.
ކަސްޓަމަރުން އީ-ކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމެއް ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އެޅީ ކޮންމެހެން މަޖުބޫރުވެގެން ކަމަށް ބޭންކުން ބުންޏެވެ.
"ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް މި ބޭންކުން ގެންނަމުންދާނެ،" ބީއެމްއެލްގެ ތަރުޖަމާނު ސައީދު ވިދާޅުވި އެވެ.
ގުޅުން ހުރި - ބީއެމްއެލް އިން މިދިޔަ ހަފްތާގައި އާންމުކުރި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް މި އަހަރު ތެރޭ 296 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިދިޔަ އަހަރު ތެރޭ ޖުމްލަ ވިއްކީ 566 މިލިއަން ޑޮލަރެވެ. އެގޮތުން:
މި އަހަރުގެ ތެރޭ އޭޕްރީލްގެ ނިޔަލަށް މަހަކު އެވްރެޖުކޮށް 74 މިލިއަން ޑޮލަރު ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 47 މިލިއަން ޑޮލަރުގައި
މީގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑުތަކަށް މިދިޔަ މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
މި އަހަރު ތެރޭ އެވްރެޖުކޮށް މަހަކު 40 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 33 މިލިއަން ޑޮލަރުގައި
މިދިޔަ މަހުގެ ނިޔަލަށް ޓީޓީއަށް 136 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މަހެއްގެ މައްޗަށް އެވްރެޖުކޮށް 34 މިލިއަން ޑޮލަރު ޓީޓީއަށް ވިއްކި ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މިދިޔަ އަހަރު ޓީޓީއަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކިއިރު، އެއީ އެވްރެޖުކޮށް މަހަކު 15 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ