ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިއު ކުރެވުނު ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ހާއްސަ ކުރެވިފައިވާ މި އެޕިސޯޑްގައި، ”ދަ ޕްރެސް“ ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.
މިދިޔަ ހުކުރު ދުވަހަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރި ދުވަހެވެ.
ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސްގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ ހިއްސާ ކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ ދަ ޕަލްސް ޕޮޑްކާސްޓުގެ މިއަދުގެ މައުޟޫއުއަށް އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުއޫރުތަކަށް ވެސް ރައީސް ޖަވާބުދާރީވެވަޑައިގަތެވެ.
ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްގީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ހާމަކުރެއްވިއެވެ.
ރައީސް ވާހަކަފުޅުގައި، ސަރުކާރުން މި މައްސަލަތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތައުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތް ވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ ތެރެއަށް ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާނުން ވަންނަ ރޫޓްކޯޒްތަކާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ހައްލު ނުކުރެވޭނެ ކަމަށާއި ސަރުކާރުން މިކަމުގެ ރޫޓްކޯޒްތަކަށް އެޑްރެސްކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަގީގީ ބަދަލު އަންނާނެގޮތަށްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ