ވެށިމެރުމުގެ ޖިނާއީ ކުށް ރާއްޖެއަށް ވެސް ތައާރަފް ކުރަންޖެހޭ

ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ރަށްތަކެއްކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ރާއްޖޭގެ ދިރިއޮތް ގުދުރަތީ ތިމާވެށްޓަކީ "ނާޒުކު" އެއްޗެއްކަން ވެސް ގަބޫލުކުރެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ "ލީޑަރުން" ކަމަށް ބަލާ މީހުންނާއި އެ މީހުން ހިންގުމާ ހަވާލުވާ ސަރުކާރުތަކުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކެކެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ދިރިތިބުމުގެ ރައްކާތެރިކަން ބަރޯސާވަނީ އަހަރެމެންގެ ކުދިޖަޒީރާ ރަށްތަކާއި ގަސްގަހާގެއްސާއި ދިރިހުރި ފަރުތަކާއި ކަނޑުފަޅުން ލިބޭ ގުދުރަތީ ނަފާ އާއި މި ނިއުމަތްތަށް އެގޮތުގައި ދެމެހެއްޓުމުން ލިބޭ ތަބީއީ ގުދުރަތީ ވިލުންތެރިކަމުގެ މައްޗަށެވެ.
މިކަން ދެނެގަނެ، ރާއްޖޭގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ސަރީހަ އިބާރާތުން ބުނެފައިވަނީ ރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި ދިރޭތަކެތީގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަމަކީ އަދުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ އެއްޗެހި ކަމަށެވެ. އަދި މިކަން ކުރުމަކީ ދައުލަތުގެ "އަސާސީ ވާޖިބެއް" ކަމަށެވެ. އަސާސީ ގާނޫނުގެ މި މާއްދާގައި ބުނަނީ ރާއްޖޭގެ ތިމާވެށި ތަގައްޔަރު ނުކުރުމަށެވެ. އެ ވެށީގައިވާ ދިރޭތަކެތީގެ ނަސްލެއް ނެތިދިޔަ ނުދިނުމަށެވެ. ތިމާވެށީ ހަލާކުވިޔަ ނުދިނުމަށެވެ. ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށެވެ.
މިއަށް ވުރެ ސާފު އިބާރާތުން ރާއްޖޭގެ ވެށި ހަލާކު ނުކުރުމަށް އަމުރުކުރާ ގާނޫނެއް ނެތެވެ. އޮންނާކަށް ނުވެސް ޖެހެ އެވެ. އަސާސީ ގާނޫނުން އެކަށައަޅާ މަގްސަދާއި ތަސައްވުރު ވަރަށް ސާފެވެ. މި މަގްސަދު އެގޮތުގައި ތަންފީޒުކުރުމަށް ރާއްޖޭގެ ވެށި ރައްކާތެރި ކުރުމަށްޓަކައި ހެދިފައިވާ މައި ގާނޫނުގެ ނަމަކީ 'ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ' ގާނޫނެވެ. ގާނޫނުގެ ނަމުންނާއި މަގުސަދުން ވެސް ކުރަންވީ ކީއްކަން ސާފުވެ އެވެ. މި ގާނޫނުތަކުގެ މަގްސަދު ހާސިލު ކުރުމަށް ހަދާ އެތައް ގަވާއިދުތަކެއް ވެސް އޮވެ އެވެ. ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ގާއިމް ކޮށްފައި ހުރި ގާނޫނުތަކަކީ އިދާރީ އަދި މަދަނީ އޮނިގަނޑެއްގެ ތެރެއިން ތަންފީޒުކުރެވޭ ގާނޫނު ތަކެކެވެ. ނަމަވެސް، ރާއްޖޭގެ ރަށްތަކަށް ވެފައި އޮތް ގޮތާއި ވަމުންދާ ގޮތަކީ އަސާސީ ގާނޫނާއި މައި ގާނޫނުން ވެސް ތަސައްވުރު ކުރާ ނަތީޖާ ނޫންކަން ލޮލުންބެލުމާއި ސިކުނޑިން ވިސްނުމުގެ ހެޔޮ ތައުފީގު ލިބިފައިވާ މީހަކަށް އިތުރަށް ބުނެދޭކަށް ނުޖެހޭނެ އެވެ.
އަސާސީ ގާނޫނުގައިވާ ގޮތަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ގާނޫނީ އޮނިގަނޑުގައި ރާއްޖޭގައި މިވަގުތު ނެތް އެއްޗަކީ ވެށި މެރުމުގެ ޖިނާއީ ކުށް، ނުވަތަ އިނގިރޭސިބަހުން އާންމުކޮށް ބޭނުންކުރާ މަފްހޫމް "އިކޯސައިޑް" އެވެ. ތިމާވެށީގެ ގޮތުން ރާއްޖެ އަދުއޮތް ހައްހާސް ހާލަތަށް ބަލާއިރު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިދާރީ އަދި މަދަނީ އޮނިގަނޑު އޮތީ ރާއްޖޭގައި ފޭލުވެފަ އެވެ. އެއީ ތަންފީޒީ ފޭލުވުމެކެވެ.
ގާނޫނުއަސާސީގެ 22 ވަނަ މާއްދާ ނަގަހައްޓައި، ތިމާވެށި ރައްކާތެރި ކުރުމަށް ކޯޓުގައި ވަކާލާތު ކުރުމަށް ނިކުންނަ ރައްޔިތަކަށް އިންސާފުވެރި ހުކުމެއް ލިބުމުގެ ފުރުސަތު ހަނި މިންވަރު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމަކުން އޮތީ ހާމަވެފަ އެވެ. ކ. ގުޅިފަޅު ހިއްކައިގެން ބަނދަރެއް އެޅުމާ ދެކޮޅަށް އަހަރެން ކޯޓަށް ގެންދިޔަ ވަގުތީ އަމުރުގެ މައްސަލައިގާ ގަދަރުވެރި ހިކްމަތްތެރި ތައުލީމީ "ފުންނާބުއުސް" ފަނޑިޔާރަކު ވެސް ދެއްކެވީ ގާނޫނުއަސާސީ ނެގެހެއްޓުމަށް އޮތް ހުރަހާއި ހުއްޖަތުގެ ވާހަކަ އެވެ. އަދި މި ސީރިއަސް މައްސަލައާ ގުޅިގެން ރިޔާސަތަށް އާނބަސް ފިޔަވާ ވިދާޅުވާނެ އެއްވެސް ބަހެއް ނެތް ފަނޑިޔާރަކު ވެސް މި މައްސަލަ ބެއްލެވި ބެންޗުގައި އިންނެވިކަން ފާހަގަކުރެވުނެވެ. ގާނޫނުއަސާސީ ތަރުޖަމާކުރުމުގެ ބާރާއި ޒިންމާދާރު މަސްއޫލިއްޔަތު އޮންނަ ސުޕްރީމް ކޯޓުން ލިބުނު އެއް ޖަވާބަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް "ދިރުން" ލިބޭނީ ސަރުކާރުން ހަދަންޖެހޭ، ނަމަވެސް ނުހަދާ އޮތް ރިޕޯޓެއްގެ ބާރުލިބިގެން ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ މަސްއޫލިއްޔަތެއްކަން ވެސް ބަޔާންކޮށްފައިވަނީ ހަމަ ގާނޫނުއަސާސީގަ އެވެ. މިކަމުގައި، ރައްޔިތެއް، ރައީސެއް، ވަޒީރެއް، ފަނޑިޔާރެއް އިސްތިސްނާ ނުވާނެކަން ގާނޫނުން ހާމަވެ އެވެ. ނަމަވެސް ދައުލަތުގެ މަގާމުތަކުގައި ޒިންމާއުފުލަން ޖެހޭ ފަރާތްތަށް އެކަމަށް އުޒުރުވެރިވާ ވަގުތަކީ ރައްޔިތުން ފަހަތަށްޖެހި، ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތްކުރުން ހުއްޓާލަންވީ ވަގުތެއް ނޫނެވެ. އޭގެ އިދިކޮޅެވެ. ގްރޭޓާ މާލެ ސަރަހައްދުގެ ގުދުރަތީވެށި މުޅިން ފަނާވެގޮސް، ބާކީ އިން ވިލިމާލެ ފުނަވަލުގެ ގުދުރަތީ ތަރިކައިގެ ހިމާޔަތުގައި ރައްޔިތުންގެ ބަޔަކު ތެދުވެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުމާ ދެކޮޅުވާން މަޖުބޫރުވާތީ އެވެ.
"އިކޯސައިޑް" ނުވަތަ ވެށި މެރުމުގެ ޖިނާއީ ކުށަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަދު އޭގެ އަޑު ގަދަވަމުންދާ ގާނޫނީ ފަރުވާއެކެވެ. ރާއްޖޭގައި ތިމާވެށީގެ ދިފާއުގައި ޚިޔާލުފާޅުކުރާ ފަރާތްތަކުން ވެށިމެރުން ހުއްޓާލުމަށް ދައުލަތަށް ގޮވަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މިއީ އެއްވެސް ސަރުކާރަކުން އިޖާބަދޭ ކަމެއް ނޫންކަން ހެކިދެނީ ރާއްޖޭގެ ދިރިއޮތް ވެށި ފަނާކުރަމުންދާ ބާރުމިނާއި ފުޅާމިނާ ފުންމިނަށް ނަޒަރު ހިންގާލުމުންނެވެ. ގެދޮރުއެޅުމުގެ ނަމުގައި ސަރުކާރުތައް މެދުވެރިވެ 58 ރަށް ހިއްކާ، ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭނެ ގެއްލުންތައް ވަނީ ދީފަ އެވެ.
މިކަމުގައި ގާނޫނުއަސާސީން މަތިކުރާ ޒިންމާއަކީ ތަންފީޒީ ގޮތުން ނުނެގޭނެ އެއްޗަކަށްވަނީ ހަދާފަ އެވެ. ނަމަވެސް ސަރުކާރުތަކުން ބުނާ ގެދޮރުގެ ދަތިކަމަކީ ހިއްކި ބިންތައް ގިނަވުމާ ގުޅިފައިވާ ކަމެއް ނޫންކަން ސާބިތުވަނީ، ދަހަރުތައް ފާއިތުވާއިރު ވެސް މި ތަންތަނުގައި ގެދޮރުއެޅިފައި ނެތީމަ އެވެ. ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ދަނީ ރާއްޖޭގެ ފަރުފަޅުތައް ފަނާކުރަމުންނެވެ. މި ގެއްލުންތަކުން އުފައްދާ ހަނަފަސް ބިންތައް ފެހިކުރުމަށް ރާއްޖޭގެ މީހުންދިރިއުޅޭ ރައްތަކުގެ ގަސްކަރަ ދަނީ ސުންނާފަތި ކުރަމުންނެވެ. އާންމު ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް ދަނީ ރިސޯޓު ވިޔަފާރިތަކަށް ބެލުމެއްނެތި ބަހަމުންނެވެ. ރާއްޖޭގެ ވެލީގެ ރައުސްމާލު ބޭރުގެ ކުންފުނިތަކުގެ ބޭނުމަށް އަގެއްނެތް އެއްޗެއް ފަދައިން އެތައް މިލިއަން ކޮޑިމީޓަރެއްގެ އަދަދުތަކުން ބަހާ، ރައްޔިތުން ވަނީ ވެލީގެ ނަފާއިން ވެސް މަހުރޫމުކޮށް، ރައްޔިތަކު ރަށަކުން ވެލިނެގުމަކީ ކުށަކަށް ހަދާފަ އެވެ. ރަށްރަށުގެ ރައްޔިތުންނަށް ބޮޑު ހަރަދެއްނުކޮށް ލިބެމުންދިޔަ ކާށިކޮޅު ނުލިބި، ރާއްޖެއަށް ކާށި އެތެރެކުރަންޖެހޭ ހިސާބަށް ހާލަތު ދަށްވެއްޖެ އެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ކުޑަ މިންވަރު ވެސް ދަނީ ނެތިކުރަމުންނެވެ.
މިއީ ތިމާވެށި ހިމާޔަތް ކުރުމުގެ މަގްސަދުގައި ހަދާފައިވާ ގާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާ އޮތް ދައުތަލުގެ މަގާމްދާރުންނާއި މުއައްސަސާތައް ޝާމިލުވެގެން ހިންގާ ވެށިމެރުމާއި ވެށިންލިބޭ ނަފާއިން އާންމު ރައްޔިތުން މަހުރޫމުކުރުމުގެ ގެއްލުން ބޮޑު ޖަރީމާތަކެކެވެ.
ވެށިމެރުމަކީ ކުށަކަށް ހެދުމަށް ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، ސްޓޮޕް އިކޮސައިޑް އިންޓަނޭޝަނަލްގެ ނަމުގައި ހިންގާ ބައިނަލްއަގުވާމީ މަދަނީ ޖަމާއަތާއި އެ ޖަމާއަތާ ގުޅިގެން ހިންގާ ތަފާތު ހަރަކާތްތަކެއްގެ އަސަރުދަނީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެމުންނެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު އުފެއްދި ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ 'ރޯމް ސްޓެޓިއުޓް'އަށް ވެށިމެރުމުގެ ޖިނާއީ ކުށް އިތުރުކުރުމަށް ދަނީ ފުޅާދާއިރާއެއްގައި ވަކާލާތު ކުރަމުންނެވެ. ބައިނަލްއަގުވާމީ މައިދާނުގައި ނަންވުމަށް އެދޭއެދުން ފުއްދުމަށް ދިވެހިރާއްޖެއިން ވެސް މިކަމަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުން ރަސްމީ ސިފައެއްގައިވަނީ ވެށިމެރުމުގެ ޖިނާއީ ކުށް ބައިނަލްއަގުވާމީ ފެންވަރުގައި ވުޖޫދަށް ގެނައުމަށް ވަކާލާތުކުރުމުގައި ބައިވެރިވެފަ އެވެ. މިއީ ކަންނުވެ ނަންވުމުގެ ނަމޫނާ މިސާލެކެވެ.
ދިވެހިރާއްޖޭގައި ވެށިމެރުމުގެ ކުށްތަށް ހިފެހެއްޓުމެއްނެތި ސިޔާސީންނާއި ސަރުކާރު ޝާމިލުވާ ގޮތަށް ހިންގަމުންދާ ހާލަތުގައި، ވެށިމެރުމަކީ ބައިނަލްއަގުވާމީ ކުށަކަށް ހެދުމަށް ދިވެހިރާއްޖެއިން ވަކާލާތު ކުރުމަކީ މިކަން ކުރުމަގައި އުޅޭ ސިޔާސީންގެ ނަފްސު ހިސާބުކުރުމަށް ފިކުރުހިންގާ ނުލާކަން ދޭހަވާ ކަމެކެވެ. މިއީ އެފަރާތްތަކުން ލަދުގަންނަ ކަމެއް ނޫންކަން ވެސް ވަރަށް ސާފެވެ.
ވެށިމެރުމަކީ ބައިނަލްއަޤުވާމީ ބޮޑު ކުށަކަށް ހެދުމަށް ރާއްޖެއިން ތާއީދުކޮށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް 2023ގައި ރަސްމީ ލިޔުމެއް ފޮނުވި އެވެ. އެ ލިޔުން ތައްޔާރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ އޭރުގެ މުގައްރިރު، ހއ. ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އަހުމަދު ސަލީމަކީ ހއ. ހޯރަފުށީގައި ބިންހިއްކައިގެން އެއާޕޯޓެއް އެޅުމަށް ވައުދުވެ ވަކާލާތުކޮށް، އެކަންކުރުމުގެ އީއައިއޭ އާއި ހިސާބުން އަމަލީ ގޮތުން މަސައްކަތް ކުރެއްވި ފަރާތެކެވެ.
އަހަރެން ދެކޭ ގޮތުގައި ހއ. ހޯރަފުށީގައި އެޅި އެއާޕޯޓަކީ ވެށިމެރުމުގެ ޖަރީމާގެ ވަރުގަދަ މިސާލެކެވެ. ހޯރަފުށި އެއާޕޯޓު އަޅާފައިވަނީ ރާއްޖޭގައި އެންމެ ބޮޑެތި ބާނިރާޅު ނަގާ ސަރަހައްދުގަ އެވެ. އަދި އެއާޕޯޓު އެޅިތާ 6 މަސް ތެރޭގައި އެ ތަން އޮތީ ފެނުއަޑީގަ އެވެ. ހޯރަފުށި އެއާޕޯޓުގެ ސަބަބުން އެ ރަށާއި އެޅި އެއާޕޯޓަކީ ދާއިމީ ގޮތުގައި ހިމާޔަތްކުރުމަށް ދިވެހި ރައްޔިތުން ހަރަދުކުރަންޖެހޭނެ ތަނެއް ކަމަށް ބެލެވެ އެވެ. އަދި މުޅި ސަރަހައްދުގެ ވެށްޓައް މިކަމުގައި ދީފައިވާ ގެއްލުމަކީ ބަލާހޯދާ ދެނެގަތުމަށް މަސައްކަތް ކޮށްފައި ނެތީމާ އެނގެން ނެތް އިޔާދަނުކުރެވޭނެ ގެއްލުންތަކެކެވެ.
ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލުގެ ކަންބޮޑުވުން ފާޅުކުރާ ދައުލަތުގެ މަގާމްދާރީންނަކީ، ރާއްޖޭގައި ވެށިމެރުމުގެ އަމަލުތަކުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތަކެވެ. ސަރުކާރުތަކުން މިކަން ކުރަމުންދަނީ އެ މީހުންގެ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މޫސުމީ ވިލުންތެރިކަން ނަގާލަމުންދާ ހާލަތުގަ އެވެ. ދިވެހިބަހުން މިއަށް ދެވެންއޮންނަ ނަމަކީ "ދެފުށްކެހެރި" ކަމަށް ބެލިދާނެ އެވެ.
ވެށިމެރުމުގެ ކުށް ރާއްޖޭގައި ތައާރަފްކުރުމަށް ވަކާލާތުކުރުމުގެ އަޑު މިވަގުތު ގަދަވަމުންދާ މުހިންމު އެއް ސަބަބަކީ، މިދިޔަ އޭޕްރިލް މަހު މޮރިޝަސްގެ ގާނޫނުގައި ވެށިމެރުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ ހަބަރު ލިބުމެވެ. އެގޮތުން، މިކަމަށް ރާއްޖޭގައި ވެސް ރައްޔިތުންގެ ތެރޭގައި ތާއީދުއޮތްކަން ފެންނާން ފަށައިފި އެވެ. އަހަރެން ވެސް ގަބޫލުކުރަނީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަނޑައަޅާފައި އޮތް ތަސައްވުރަށް ވާސިލުވުމަށް އިދާރީ އަދި މަދަނީ މަގުތައް ފޭލުވަމުންދާ ހިނދު، އެ މަންޒިލަށް ވާސިލުވުމަށް މިވަގުތު ކުރަންޖެހިފައިވާ ކަމަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ވެށިމެރުމުގެ ޖިނާއީ ކުށް ތައާރަފް ކުރުމެވެ.
މިކަމަށް އަހަރެންގެ ޝައުގު އޮތުމުން، އަހަރެންގެ އަމިއްލަ ދަސްވެނިކަމުގެ ދިރާސާއަކުން ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ވެށިމެރުމުގެ ކުށް ތައާރަފްކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ބެހޭ ކަރުދާހެއް ތައްޔާރުކުރީމެވެ. ނަމަވެސް އެހެން ލިޔުމެއްގައި އެކަމާބެހޭ ގޮތުން ލިޔުމަށް އުންމީދު ކުރަމެވެ. ދިވެހިރާއްޖޭގެ އަދާއި މާދަމާގެ ރައްޔިތުންނާއި މުޅި ތިމާވެށީގެ ދިފާއުގައި ރާއްޖޭގައި ވެށިމެރުމުގެ ޖިނާއީކުށް ތައާރަފްކުރުމަކީ އަދު ކުރުން ލާޒިމުކަމެއް ކަމަށް އަހަރެން ދެކެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ