ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދިޔަ ސައިބަސްކޭމް ސެންޓަރުތަކެއް މިދިޔަ ހަފުތާ ބަންދުން ފެށިގެން ރެއިޑްކޮށް މިހާތަނަށް 231 ބޭރު ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
މީގެ ތެރޭގައި ގިނައީ ޗައިނާ އަދި ވިއެޓްނާމް މީހުން ކަމަށް އޮފިޝަލުން ބުންޏެވެ.
ކުށްކުރާ ބައިނަލްއަގުވާމީ ގްރޫޕްތަކުން އޮންލައިންކޮށް މަކަރާއި ހީލަތް ހަދައިގެން، ކްރިޕްޓޯކަރަންސީ ސްކޭމްތަކާއި ލޯބީގެ "ދޮގު ގުޅުންތައް" އުފައްދައިގެން އަހަރަކު އެތައް ބިލިއަން ޑޮލަރެއް މީހުންގެ އަތުން ފޭރެ އެވެ.
ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ދެ ސަރަހައްދެއް ބަލައި ފާސްކޮށް، ސައިބަސްކޭމް ހިންގާ ކަމަށް ތުހުމަތުކުރެވޭ 157 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން، ބުދަ ދުވަހު ތިން ވަނަ ސަރަހައްދަކުން އިތުރު 74 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
"އެ މީހުން ގައުމަށް އެތެރެވީ ޓޫރިސްޓް ވިސާގައި، ނަމަވެސް އެ މީހުން ދިޔައީ ގާނޫނާ ހިލާފަށް ވަޒީފާ އަދާކުރަމުން. އަދި ބައެއް މީހުން ތިބީ ވިސާގެ މުއްދަތު ހަމަވުމަށް ފަހު ވެސް ގައުމުން ބޭރުނުވެ،" ފުލުހުންގެ ތަރުޖަމާނު ފްރެޑްރިކް ވޫޓްލާ ވިދާޅުވި އެވެ.
ބުދަ ދުވަހު ކޮލަމްބޯގެ ކޮއްލުޕިޓިޔާ ސަރަހައްދުން އަތުލައިގަތް ސްކޭމް ސެންޓަރުން ފެނުނު ކޮމްޕިއުޓަރުތަކާއި މޯބައިލް ފޯނުތަކުގެ ފޮރެންސިކް ތަހުލީލެއް ހެދުމަށް ކޮލަމްބޯގެ މެޖިސްޓްރޭޓް ވަނީ އަމުރުކުރައްވައިފަ އެވެ. އާދީއްތަ ދުވަހު ހައްޔަރުކުރި މީހުންގެ އަތުން ފެނުނު ކޮމްޕިއުޓަރާއި މުއާސަލާތީ އާލާތްތައް މިހާރު ވެސް ތަހުލީލަށް ފޮނުވާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
މި މީހުން ހައްޔަރުކުރީ، ލަންކާގެ ހުޅަނގު އުތުރުގެ ހޮޓަލެއްގައި ސައިބަސްކޭމް އޮޕަރޭޝަނެއް ހިންގި ކަމުގެ ތުހުމަތުގައި، ގިނަ އަދަދެއްގެ ޗައިނާ މީހުން ހިމެނޭ ގޮތަށް 152 ބިދޭސީއަކު ހައްޔަރުކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.
މިދިޔަ މާރޗު މަހު ވެސް މިފަދަ ސްކޭމްތަކެއް ހިންގި ކަމުގެ ތުހުމަތުގައި އިމިގްރޭޝަނުން ވަނީ ޗައިނާގެ 135 މީހުން ހައްޔަރުކޮށްފަ އެވެ. އެ މީހުން މިހާރު ވަނީ ޑިޕޯޓްކޮށްފަ އެވެ.
ކޮޅުނބުގައި ހުންނަ ޗައިނާގެ އެމްބަސީން އޭރު ބުނެފައިވަނީ، ޗައިނާގެ ރައްޔިތުން ލަންކާގައި ތިބެގެން މިފަދަ ސްކޭމްތައް ހިންގުން ހުއްޓުވުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްބަސީން ފާހަގަކުރި ގޮތުގައި، ސްރީލަންކާގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާގެ ފުރިހަމަކަމާއި، ޖިއޮގްރަފީ ގޮތުން އޮތް ފަހި މަގާމާއި، އަދި ވިސާގެ އުސޫލުތައް ނިސްބަތުން ލުއިވުމަކީ މިފަދަ މަކަރުވެރި ގްރޫޕްތައް އެ ގައުމަށް ހިޖުރަކުރުމަށް ލިބުނު ހިތްވަރެކެވެ.
ސްކޭމް ހިންގާ 231 ބިދޭސީއަކު ލަންކާއިން އަނެއްކާވެސް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ