ގެލެކްސީ ރިންގް 2: އާ ބަދަލުތަކާއެކު ލޯންޗުކުރުން 2027އަށް ފަސްކޮށްފި
ސެމްސަންގްގެ ދެވަނަ ޖީލުގެ ސްމާޓް ރިންގް، "ގެލެކްސީ ރިންގް 2" ނެރުން 2027 ވަނަ އަހަރުގެ ކުރީކޮޅަށް ފަސްކޮށްފައިވާ ކަމަށް ކޮރެއާގެ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ. ކުރިން ބެލެވިފައި އޮތީ މިއަހަރުގެ ފަހުކޮޅު ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓުގައި އާ ފޯލްޑަބަލް ފޯނުތަކާ އެކު މި ރިންގު ވެސް ދައްކާލާނެ ކަމަށެވެ. ނަމަވެސް މާކެޓުގެ ހާލަތަށާއި އިސްތިރާޖީ ބަދަލުތަކަށް ބަލައި ސެމްސަންގުން ވަނީ މި އުފެއްދުން ނެރުން ފަސްކުރަން ނިންމާފައެވެ. މި އާ ރިންގަށް ގެންނަން ނިންމާފައިވާ އެންމެ މުހިންމު އެއް ބަދަލަކީ ބެޓެރީގެ ދިގުމިނެވެ. މިހާރު މާކެޓުގައި ހުރި ގެލެކްސީ ރިންގުން ހަތް ދުވަހުގެ ބެޓެރީ ލައިފް ލިބޭއިރު، އާ މޮޑެލްގެ ބެޓެރީ އެއްފަހަރު ޗާޖުކޮށްލުމުން 10 ދުވަހަށް ދެމިގެންދާނެއެވެ. މީގެ އިތުރުން މި ރިންގް ފަރުމާކުރަމުން ދަނީ މިހާރުގެ ރިންގަށްވުރެ ތުނި، ލުއި އަދި އަޅައިގެން އުޅެން މާ ފަސޭހަ ޑިޒައިނަކަށެވެ. ސިއްހީ ގޮތުން ބަލާއިރު، ހަށިގަނޑުގެ ހޫނުމިން ބަލާ ސެންސަރުތައް އިތުރަށް ތަރައްގީކޮށް، ނިދުމުގެ އާދަތަކާއި ހިތުގެ ސިއްހަތާ ގުޅޭ މައުލޫމާތު ކުރިއަށްވުރެ ސައްހަކޮށް ދެނެގަނެވޭނެ އިންތިޒާމު މި ރިންގުގައި ހިމެނޭނެއެވެ. އަދި ހާއްސަ ގޮތެއްގައި ލޭ ނުނަގައި، ހަމައެކަނި ސެންސަރުގެ އެހީގައި ލޭގެ ހަކުރު ހުރި މިންވަރު ބަލައިލެވޭނެ ޓެކްނޮލޮޖީއެއް މި އުފެއްދުމުގައި ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސެމްސަންގުން އެންމެ ފުރަތަމަ ގެލެކްސީ ރިންގް ބާޒާރަށް ނެރުނީ 2024 ވަނަ އަހަރުގައެވެ. ތިން ކުލައަކުން އަދި ނުވަ ސައިޒަކުން ލިބެން ހުރި މި ރިންގަކީ ސެމްސަންގް ހެލްތު އެޕް މެދުވެރިކޮށް ސިއްހީ ގިނަ ކަންތައްތަކެއް މޮނިޓާ ކުރެވޭ، ޑިވައިސްއެކެވެ. އިންޑިއާގެ މާކެޓުގައި މިހާރު މި ރިންގްގެ އަގު އުޅެނީ ގާތްގަނޑަކަށް 38,999 ރުޕީސް (ގާތްގަޑަކަށް 465 ޑޮލަރު) ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ