ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ، ޒަކަރިއްޔާ ހުސެއިން އަދި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ ސަސްޕެންޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މަގާމުން އިސްތިއުފާ ދޭން މިދިޔަ އަންގާރަ ދުވަހު އެ ދެ ބޭފުޅުންނަށް އެންގި އެވެ. އެކަމަކު އިސްތިއުފާ ހުށަނޭޅުއްވުމުން، އެ ރޭގެ ވަގުތެއްގައި ވަނީ މުއްދަތެއް ނެތް ގޮތަށް މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ޑީޖޭއޭގެ ބަހެއް އަދި ނުލިބެ އެވެ.
ޒަކަރިއްޔާ އާއި އަހުމަދު އަލީ ސަސްޕެންޑުކުރިއިރު، އެ އިދާރާގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު މުސްތަފާ މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޒަކަރިއްޔާ އާއި އަހުމަދު އަލީއަކީ އަމްޖަދުގެ ވަަރަށް ގާތް ދެ ބޭފުޅުންނެވެ. ޑީޖޭއޭއަށް އެ ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ ވެސް އަމްޖަދު މަގާމާ ހަވާލުވި ފަހުންނެވެ.
އެނގުން މުހިންމު - ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރުކަން ވެސް ޒަކަރިއްޔާ މީގެ ކުރިން ކުރައްވާފައިވެ އެވެ. އެ މަގާމުން އޭނާ ޖުލައި 2020ގައި އިސްތިއުފާ ދެއްވީ، ވަކިކުރުމާ މެދު މަޖިލީހުގައި ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށެވެ.
ސީއެސްސީގެ މެމްބަރުކަމުން ޒަކަރިއްޔާ ވަކިކުރަން މަޖިލީހުން އޭރު ނިންމީ، މުވައްޒަފުންނާ މެދު ތަފާތުކުރުމާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ބެލި މައްސަލައަކަށް ފަހު އެވެ.
އަހުމަދު އަލީ މީގެ ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ 2024ގައި އިސްތިއުފާ ދެއްވީ ސީއެސްސީން ބަލަމުންދިޔަ މައްސަލައެއްގައި ސަސްޕެންޑްކޮށްފައި ހުއްޓަ އެވެ.
އިސްތިއުފާ ނުދިނުމުން ޑީޖޭއޭގެ 2 އިސްވެރިޔަކު ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ