ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ރައްޔިތުން އިންތިހާބުކޮށްފައި މިއޮތީ މި ސަރުކާރު ކަމަށާއި ބްރިޖު އަޅައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކީ ވެސް މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވުމުން، އެ މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިއްސާއެއް ނުވޭތޯ ސުވާލުކުރުމުން ޔާމީނަށް ވެސް ކްރެޑިޓު ހައްގު ކަމަށް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ޕީޕީއެމްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިސްކޮށް ތިއްބެވީ އޭނާ އާއި އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން:
އޭރު ވެސް ސައީދަކީ އިކޮނޮމިކް މިނިސްޓަރު
ސިނަމާލެ ބްރިޖު، އެއާޕޯޓު ތަރައްގީކުުރުމުގެ މަޝްރޫއު، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުން އަދި ހިޔާ ޓަވަރުތައް އެޅުމުގެ މަޝްރޫއު ފެށީ އެ ސަރުކާރުގައި
ތަފްސީލް - ސައީދު މިއަދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ސިނަމާލެ ބްރިޖު އަޅަން ފެށިއިރު، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ރާއްޖޭގައި ބްރިޖު އެޅޭނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.
"އެކަން ވެސް ލީޑު ކުރީ މިއަދުގެ ރައީސް އާއި އަޅުގަނޑާ އަދި މިހާރުގެ [އަދި] އޭރުގެ ބައެއް ވަޒީރުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ތިބީ ކެބިނެޓުގައި. އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މިއުޅެނީ އެންމެ މީހެއް، ދެ މީހެއް ނޫންތޯ؟ ހަމަ އެއް ޓީމެއް ނޫންތޯ މިއޮތީ؟ ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން."
ސައީދު ވިދާޅުވީ އެ މަޝްރޫއުތަކަށް ވެސް އެމްޑީޕީން ފާޑުކީ ކަމަށާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް ބިލިއަން ޑޮލަރު އިންވެސްޓު ކުރުމަކީ ރާއްޖެ އިނދަޖެހޭނެ ކަމެއް ކަމަށް ބުނަމުން ދިޔަ ކަމަށެވެ.
"އެ ޕާޓީ އޭ މިއީ. ތަރައްގީ ކުރި ޕާޓީ،" އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތަކުުގެ ވާހަކަ ފާހަގަ ކުރެއްވި އިރު، އޭރުގެ ރައީސް ޔާމީންގެ ނަން ނުގެންނަވާތީ އެ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ދައުރެއް ނެތްތޯ އަދި ކްރެޑިޓެއް ނެތްތޯ ނޫސްވެރިޔާ ވަނީ ފަހުން ސުވާލު ކޮށްފަ އެވެ.
އެއާ އެކު، ސައީދު ވަނީ އެ މަސައްކަތްތަކުގައި ޔާމީންއަށް ވަރަށް ބޮޑު ކްރެޑިޓެއް ހައްގު ކަމަށް ވިދާޅުވެފަ އެވެ.
"ނޫން ނޫން ނޫން! ރައީސް ޔާމީނަށް ހަމަ ވަރަށް ބޮޑު ކްރެޑިޓު. އެ މަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެ މަނިކުފާނަކީ ވަރަށް ވިޝަނަރީ ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީނަށް ވަރަށް ބޮޑު ލޯތްބެއް އަބަދު ވެސް އޮންނާނެ ކަމަށާއި އެކަން ބަދަލެއް ވެސް ނުވާނެ ކަމަށެވެ.
"ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ، އެންމެ އަޅާލަން ބޭނުންވާ، ރައީސް ޔާމީން އަރިހު ހުންނަން އެންމެ ބޭނުންފުޅުވާނެ އެކަކު،" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަކީ އެއް ޓީމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އެ ބޭފުޅުންގެ ހިތުގައި އޮންނަ ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މި ސަރުުކާރުގެ ޓީމަކީ ބްރިޖު ވެސް އެޅި ޓީމު؛ ޔާމީނަށް ވެސް ކްރެޑިޓް ހައްގު: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ