ކުއްލި ނުރައްކަލުގެ ހާލަތު - ބިރުވެރިކަމެއް ނޫން، ރައްޔިތުން ހާސް ނުވޭ

01 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރަކާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޞްރަޙު ހަލަބޮލިވެ ރައްޔިތުންނަށާއި ޤައުމުގެ އަމަން އަމާން ކަމާއި ސަލާމަތީ ކަންތަކަށް އަސަރު ކުރަމުން ދިއުމާއެކު އެކަންކަން ޙައްލުކޮށް ރާއްޖޭގެ ޖުޑިޝަރީ ހަމައަކަށް އަޅުވަން 05 ފެބްރުއަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކޮށް ކަނޑައަޅުއްވާފައިވާ ކުއްލި ނުރައްކަލުގެ ޤަރާރު، އިސްލާޙުތައް ހިމެނޭގޮތުގެ މަތިން ފާސްކުރައްވައި، އެ ޤަރާރުގެ މުއްދަތު އިތުރުކޮށް، ޤާނޫނު އަސާސީގެ ހަނިކުރެވިފައިވާ މާއްދާތަކަށް ލުޔެއްދީ، ރައްޔިތުންގެ މަޖިލީހުން ވޯޓުދެއްވައި ފާސްކޮށްފައިވާއިރު، އެ ޤަރާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި އޮޅުން ބޮޅުން އުފައްދާ އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ދަނީ، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ދަރިވަރަކު އޭނާގެ އަހަރު ދުވަހުގެ ކިޔެވުމުގެ ފަހު އިމްތިޙާނަށް ވެސް މިވަރަށް މަސައްކަތް ކުރާން ހެންނެއް ހިއެއް ނުވެއެވެ. ފިރިހެނަކު އަންހެނެއްގެ ހިތް އަތުލަންވެސް މުގޯލި އަޅާ ބިސްމަޅި ދުއްވަން މި ވަރަކަށް މަސައްކަތެއް ނުކުރާނެއެވެ.
އެހެން ނަމަވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ އެ ޤަރާރުގެ ސަބަބުން، ތިޔަ އެއްވެސް ރައްޔިތަކަށް ހުރަހެއް ނެތެވެ. ނަމަވެސް އެ ޤަރާރުގައިވާ ކަންކަން ހިނގާނީ، ވަކި ބައެއް އަދި ވަކި ތަންތަނަކަށެވެ.
އެގޮތުން ކުއްލި ނުރައްކަލަކުގެ ޤާރާރު ހިނގާނީ، ޤަރާރުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށާއި އަދި އެފަދަ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބި ނުވަތަ ތިބޭ ތަނަކާއި ތަކެއްޗެއްގެ މައްޗަށް އެކަންޏެވެ.
ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ޤަރާރާއި، އިޞްލާޙުތައް ހިމެނޭގޮތުގެމަތިން، އެ ޤަރާރުގައިވާ މުއްދަތުގެ އިތުރަށް 30 ދުވަސް އިތުރުކޮށް ރައްޔިތުންގެ މަޖިލީހުން ޤަރާރު ފާސްކުރައްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި ކަނޑައަޅުއްވާފައިވާ ޤަރާރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 މާއްދާއަކަށް ޢަމަލުކުރުން ހިފަހައްޓާފައިވާ ހިފެހެއްޓުން ނިމުމަކަށް ގެންނަވާފައެވެ. އެ މާއްދާތަކަކީ:
100 ވަނަ މާއްދާ ގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރަން އޮތް އޮތުން
101 ވަނަ މާއްދާ ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އޮތް އޮތުން
113 ވަނަ މާއްދާ ގައި ސުޕްރީމް ކޯޓުގެ ނިންމުން ތަކާއި
228 ވަނަ މާއްދާ ގައި ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުން އޮތް އޮތުން ހިމެނެއެވެ.
އިއްޔެ މަޖްލީހުގެ ޖަލްސާ ބޭއްވުނީ ޤަވާއިދާ ޚިލާފަށް ކަމަށް ބުނަމުން އަންނަ އިރު، އިއްޔެގެ މަޖްލިސް ޖަލްސާ ބޭއްވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާއްދާގައިވާ ޢިބާރާތް ބޭނުންކޮށްގެންނެވެ. އެގޮތުން މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުންގެ ޖުމްލަ އަދަދަކީ 73 ކެވެ. އެހެންކަމުން ދެބައިކުޅަ އެއްބަޔަކީ 36 ކެވެ. އިއްޔެގެ ޖަލްސާގައި ޖުމްލަ 40 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ހަމައެހެންމެ، އެ ޙާލަތުގައި ވޯޓަށް އަހަންޖެހޭ ކަންކަން ބަޔާންކުރިއިރު، ކުއްލި ޙާލަތު އިޢުލާންކުރާ ޤަރާރު އެ މާއްދާގައި ހިމެނިފައިނުވާތީ، އެކަމަށްވެސް ރިޢާޔަތްކޮށް، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ޤަރާރާއި، އިޞްލާޙުތައް ހިމެނޭގޮތުގެމަތިން، އެ ޤަރާރުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާއިރު، އެ މަޖިލީހުގެ ޤާނޫނީ އަދަދަކީ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދުކަމަށް ބަލައިގެންނެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޯރަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދަވާފައިވާ ކަމަށްޓަކައި، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ