ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ، ސަމާލުވޭ! – މެޓް

ކުރިއަށް އޮތް ދެދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެނުކުގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ދެކުނުގެއެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ސަރައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ކަނޑު ވަރަށް ގަދަވާނެ ކަމަށެވެ. އަދި ކުރަމުން މިދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރަމުންދާ ކަމުގެ މައުލޫމާތުވެސް ލިބެމުންދާ ކަމަށް މެޓުން ބުންޏެވެ.
މިއަދުވެސް މޫސުމް ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެ، އެކި ވަރުގެ ގެއްލުންތައް ކުރިމަތިވެފައިވެއެވެ. އެގޮތުން ވިއްސާރައިގައި ގެއްލުން ލިބިގެން އެހީތެރިކަމަށް އެދުނު ފަރާތްތަކަށް ފުލުހުންނާއި ސިފައިންގެ ފަރާތުންނާއި ބައެއް ރައްރަށުގައި ގާއިމްކޮށްފައިވާ އިމަޖެންސީ ރެސްޕޯންސް ޓީމްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މިއަދު އުދަ އެރުމުގެ ސަބަބުން ފުވައްމުލަކު ސިޓީއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުންވެސް ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ