ދިއްގަރު ދާއިރާގެ ބައި އިލެކްޝަން: ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފިއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބޭ ފަރާތްތައް އާންމުކޮށް މިއަދު ގެޒެޓްކޮށްފައިވާއިރު، ލިސްޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާޖުމްލަ 2555 މީހުން އެބަތިއްބެވެ.
ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 25 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާނެކަން ހާމަކޮށްފައިނުވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
މީގެއިތުރުން ޕީޕީއެމުން ވަނީ ދިއްގަރު ދާއިރާގެ ކެމްޕެއިން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ