މިނިވަންކަމަށް ހުރަސްނާޅައި ރައްޔިތުން ބާރުވެރިކުރުމަށް އެމްޑީޕީން އެދެފި

ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސްނާޅާއި ރައްޔިތުން ބާރުވެރިކުރުމަށް އެމްޑީޕީން ރައީސް އަބްދުﷲ ޔާމީންގެ ކިބައިން އެދެފި އެވެ.
އެމްޑީޕީން މިގޮތަށް އެދިފައިވަނީ އިއްޔެ ނިމިގެން ދިޔަ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހޯއްދެވި ކާމިޔާބަށް މަރުހަބާކިޔައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ރައީސް ޔާމީންގެ އިތުރުން ޕީޕީއެމާއި އެ ޕާޓީގެ ސަޕޯޓަރުންނަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔައިފަ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީން ވާދަކުރެއްވި އިންތިހާބު، ޔާމީން ކާމިޔާބުކުރެއްވީ 111،203 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.39 ޕަސެންޓެވެ. އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގަތީ 48.16 ޕަސެންޓާއެކު 105،181 ވޯޓެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީއަކީ ރައްޔިތުންގެ ފަރާތުން ފެނިގެން އަންނަ ގާނޫނީ ވެރިކަމެއް ކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރާ ޕާޓީއަކަށްވާއިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބަކީ ރައްޔިތުންގެ ނިންމުން ހާމަވެގެންދިޔަ އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ވޭތުވެދިޔަ ދެ އަހަރު ރައްޔިތުންގެ ވެރިކަމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ގައުމަށް އަގުނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިގެންދިޔަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ރިޔާސީ އިންތިޚާބުގައި ހޯދި ފުރިހަމަ ކާމިޔާބީ އަށް މަރުހަބާ ދަންނަވާ ހިނދު، އެމްޑީޕން އެދެނީ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސް ނާޅުއްވައި، އެ ރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތް ކޮށްދެއްވުމެވެ. އަދި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭ މާތްވެގެންވާ އިސްލާމް ދީން ބިނާވެފައިވާ މަތިވެރި މަޤްސަދުތަކާއި ޑިމޮކްރެޓިކް އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިސްލާޙީ ބަދަލުތަކެއް ގައުމަށް އައިސް ތަރައްގީ ރައްޔިތުންނަށް ލިބިގެން ދިޔުމަކީ އެމްޑީޕީއިން އަބަދުވެސް އެދޭ ގޮތެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މި ފެށުނު ވެރިކަމަކީ ޑިމޮކްރަސީގެ އުސޫލް ނަގަހައްޓައި ލާމެހިފައިވާ ދުނިޔެއެއްގައި އެކަހެރިނުވެ ގައުމަށް ތަރައްގީ ލިބޭނެ ވެރިކަމަށް ވެގެން ދިއުމަށް އެދޭ ކަމަށެވެ. ދައުލަތަށް އިހްލާސްތެރި ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވައި ވެރިކަމުގެ ބާރުތައް ބޭނުންކުރަމުން އަންނަ ގޮތް ބަލައި ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރުކުރުވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އަދި ތަފާތު ކުޑަކޮށް، އިންތިހާބު ކާމިޔާބު ކުރުމުން ގައުމުގައި ވާދަވެރިންގެ އަޑު އޮތް މިންވަރު ވަރަށް ފުރިހަމަ އަށް ހާމަވެގެން ދިޔަ ކަމަށް ވެސް އެމްޑީޕީން އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވަނީ ބަލި ގަބޫލުކުރައްވައި ޔާމީނަށް މަރުހަބާ ވިދާޅުވެފަ އެވެ. އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިނުގެން، އެމްޑީޕީގެ މަސައްކަތްތަކުގައި ދެމިހުންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ