ބޮޑެތި ބަދަލުތަކަކާއެކު، ފުލުހުންގެ އާ ގާނޫނެއްގެ ބިލެއް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ތައްޔާރު ކުރައްވަން ފައްޓަވައިފި އެވެ.
އޮޕަރޭޝަން "ބްލޫ ހޮރައިޒަން"ގެ ނަމުގައި ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން ތައްޔާރުކުރެއްވި އެ ބިލް، ނަޝީދު މިހާރު ވަނީ އާންމުންގެ ހިޔާލު ހޯދުމަށް އޭނާގެ ބްލޮގް "އެމްނަޝީދުޑޮޓްކޮމް" ގައި އާންމުކުރައްވައިފަ އެވެ.
އެ ބްލޮގްގައި ނަޝީދު ވިދާޅުވެފައިވަނީ މިދިޔަ ހަ މަސް ދުވަހު އޭނާ މަސައްކަތް ކުރެއްވީ 2008 އިން ފެށިގެން އަމަލުކުރާ ފުލުހުންގެ ގާނޫނުގެ "ބަނޑޭރިގަނޑުން ބަނޑޭރިގަނޑަށް އިސްލާހުކޮށް" މުޅިން އަލުން އެކުލަވާލައި އާ ގާނޫނެއްގެ ބިލް މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ބިލް ތައްޔާރުކުރައްވަން ނިންމެވީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ހިދުމަތް ލިބިގަނެ، ނޮވެމްބަރު ،11 2013 ގައި ރައީސްކަމާ އާ ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ އިރު، ފުލުހުންގެ އާ ގާނޫނަކާ އެއްގޮތަށް ކަންކަން ނިންމަން ވަގުތު އޮއްވައި ބިލެއްގެ ސިފައިގައި މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ބިލު އެކުލަވާލުމުގައި ދުނިޔޭގެ ބައެއް ތަހުޒީބު ޑިމޮކްރެޓިކް ގައުމުތަކުގެ ގާނޫނުތަކަށް ވަރަށް ބޮޑަށް ބުރަވެފައިވާނެ އެވެ. އަދި އަހަރުތަކެއް ކުރިން ފުލުހުންގެ ތެރޭގައި އުޅުނު މީހުންނާއި ފަހުގެ ތާރީހުތަކުގައި ފުލުހުންގެ ހިދުމަތުން ވަކިވި ފުލުހުންނާއި މިހާރު އެ ހިދުމަތުގައި ތިބި ފުލުހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާއި ގާނޫނީ ވަކީލުންގެ ހިޔާލު ހޯއްދެވި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"މި ބިލުގެ މަގުސަދަކަށް ވެފައިވަނީ، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަލުން ލިޔުމެވެ. އަދި އެކަންކުރުމުގައި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ރައްޔިތުންގެ ނަޒަރަކުން އެކަން ކުރުމެވެ. ފުލުހުންނާއި ސިޔާސީ ވެރިންނާ ދެމެދު ފާރެއް ލުމެވެ. އަދި ސިޔާސީ ނުފޫޒު ފުލުހުންގެ ހިދުމަތަށް ސީދާ ނުފޯރާނެ ގޮތެއް ހެދުމެވެ. ފުލުހުންނާ ވަޒީރާ ދެމެދު، ފުލުހުންނާ ޕްރޮސިކިއުޓާ ޖެނެރަލާ ދެމެދު، ފުލުހުންނާ މަޖިލީހާ ދެމެދު އޮންނަންޖެހޭ ގުޅުން އޮންނާނެ ގޮތް ކަނޑައެޅުމެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ފުލުހުންގެ ބާރުތައް ތަފުސީލުކޮށް ބަޔާންކުރުމާއި މިހާރު ފުލުހުން ކޯޓު އަމުރަކާ ނުލައި ބޭނުންކުރާ ބައެއް ބާރުތައް ކޯޓު އަމުރުގެ ދަށުން ނޫނީ ބޭނުން ނުކުރެވޭނެ ގޮތް ހެދުމާއި ފުލުހުން ވާޖިބު އަދާކުރުމުގެ ތެރޭގައި ވާ މަރާއި އަނިޔާއާ ގުޅޭ ގޮތުން ބަދަލު ލިބިދެވޭނެ ގޮތް ބަޔާންކުރުމަކީ ވެސް ފުލުހުންގެ އާ ގާނޫނުގެ ބިލެއް ތައްޔާރުކުރުމުގެ މަގުސަދެއް ކަމަށް ނަޝީދު ވިދާޅުވެ އެވެ. އަދި މަސައްކަތުގައި ފުލުހުންނަށް ލިބިދެވޭ މިނިވަންކަން ކަށަވަރުކޮށްދިނުމާއި ރައީސަކަށް ހުންނަވާ ބޭފުޅަކު ނުވަތަ ރައީސް ތަމްސީލުކުރައްވާ ބޭފުޅެއްގެ އެންގެވުންތަކަށާއި ސިޔާސީ ގޮތުން ބާރުގަދަ އެހެން ބޭފުޅުންގެ އެންގެވުންތަކަށް ފުލުހުން ތަބާވާންޖެހޭ ކަމަށް ގަބޫލުކުރެވޭ ވިސްނުން ހުއްޓުމަކަށް ގެނެސް، އެ ކަންކަމުން ރައްކާތެރިވާ ގާނޫނީ ތޮއްޓެއް ފުލުހުންގެ މުއައްސަސާގެ ވަށައިގެން ލުމަކީ ފުލުހުންގެ އާ ގާނޫނުގެ ބޭނުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ އާ ގާނޫނުގެ ބިލްގެ ބޮޑުބަޔަކީ މުޅިން އާ ބައިތަކެކެވެ. އަދި އެއީ މުޅިން އާ ތަސައްވުރެއްގެ މައްޗަށް އެކުލަވާލާ ބިލެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި ބިލުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ވާހަކައެއް ނޯންނާނެ އެވެ. އެއީ، ކަމާ ގުޅޭ ގޮތުން އޮތް ވަކި ބިލެއް މިހާރު މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި އޮތުމުންނެވެ. މި ބިލު މަޖިލީހުގައި ކާމިޔާބުވެއްޖެ ނަމަ، މި ބިލު ފާސްވާންޖެހޭނީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ވަކި ގާނޫނާ އެކުގަ އެވެ. އަދި އެ ގާނޫނު ނިމޭއިރު، ޕީއައިސީ އަށް މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވެ، އެ ބޭފުޅުންނަށް މިހާރަށް ވުރެ ރަނގަޅު ނިޒާމަކުން މަސައްކަތްކުރެވޭނެ ގާނޫނީ އޮނިގަނޑެއް އުފެދިގެންދާނެ އެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ބޮޑެތި ބަދަލުތަކާއެކު ފުލުހުންގެ އާ ގާނޫނެއް މެމްބަރު ނަޝީދު ތައްޔާރުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ