ތިލަފުށިން ގުޅީފަޅަށް ކަރަންޓް ދޭން ސަބްމެރިން ކޭބަލެއް ވަޅުލަނީ
ގުޅީފަޅަށް ކަރަންޓް ދިނުމުގެ ގޮތުން އެރަށާއި ތިލަފުށްޓާ ދެމެދު 500 މީޓަރުގެ ދިގު ސަބްމެރިން ކޭބަލެއް އެޅުމަށް ސްޓެލްކޯއިން ނިންމައިފި އެވެ. ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ލަތީފް މިއަދު ވިދާޅުވީ ގުޅީފަޅު ތަރައްގީވަމުން އަންނަ ވަރަކަށް މިހާރު އެރަށުގައި ހުރި އިންޖީނުގެއިން އެރަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސަބްމެރިން ކޭބަލެއްގެ އެހީގައި ތިލަފުށިނޗ ސީދާ ގުޅީފަޅަށް ފަސޭހަކަމާ އެކު ކަރަންޓް ފޯރުކޮށް ދެވިދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މަޝްރޫއު ފަށަން މިދަނީ ތައްޔާރު ވަމުން. ގާތްގަނޑަކަށް 500 މީޓަރު ހުންނާނެ އެ ކޭބަލްގައި. އޭރުން އިތުރު އިންޖީނުގެއެއް ނުހަދާ ސީދާ ގުޅީފަޅަށް ބޭނުންވާ ވަރަށް ކަރަންޓް ދެވޭނެ،" ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގުޅީފަޅާއި ތިލަފުއްޓާ ދެމެދު އަޅާ ސަބްމެރިން ކޭބަލަކީ ގިނަ އަހަރުތަކެއްގައި ގުޅީފަޅަށް ކަރަންޓް ފޯރުކޮށް ދެވޭނެ ގޮތަކަށް ވިސްނައިގެން އަޅާ ކޭބަލެއް ކަމަށެވެ. އަދި އެ ދެ ރަށުގެ ދެމެދުގައި އަޅާ ކޭބަލް ހޯދަން ބޭރުގެ ފަރާތަކާ ހަވާލުކުރުމަށް އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. "މިއީ އެހާ ފަސޭހައިން ކުރެވޭ ކަމަކަށް ނުވާތީ ދިގުމުއްދަތަކަށް ވިސްނައިގެން މިކަން ކުރުމަށް މި ވިސްނަނީ. އަޅުގަނޑުމެން ބަލާނީ މުސްތަގުބަލްގައި ވެސް މި ކޭބަލުން ދެ ރަށަށް ކަރަންޓް ދެވޭވަރުގެ ކޭބަލެއް ވަޅުލަން،" ލަތީފް ވިދާޅުވި އެވެ. ގުޅީފަޅަކީ ހިއްކައިގެން މީހުން އަބާދު ކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓް ކޮމްޕެނީ )ޖީޕީޑީ( އިން ހިންގާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ