މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ފްލައިޓްތައް ލަސްވެދާނެ: ފިރާގު

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި މަޝްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، އެ ސަރަހައްދުގެ ބައެއް އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫއަރައި ޝެޑިއުލްތަކަށް ލަސްކަމެއް އަތުވެދާނެކަމަށް އޭސް ޓްރެވަލްސް ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ. 
ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއްގެ ޓިކެޓިން އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އޭސް ޓްރެވަލްސްގެ ސީއީއޯ ފިރާގު މިއަދު ހެނދުނު ފޭސްބުކްގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބަދަލުތައް ގެންނަން ޖެހުމާއި ވައިގެ ސަރަހައްދުތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފްލައިޓްތަކުގެ ދަތުރުތަކަށް އަސަރުކޮށްފާނެ ކަމަށެވެ.
މިއީ އެއާލައިންތަކުގެ އިތުރުން އެއާޕޯޓްތަކާއި ކަމާބެހޭ ކްލިއަރެންސް ދޭ އިދާރާތަކުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމެއްކަންވެސް އެ ފިރާގު ވިދާޅުވި އެވެ. 
މިއަދު ހެނދުނު 7:15 ގައި ރާއްޖެ އަންނަން އޮތް ފްލައި ދުބާއީގެ ފްލައިޓު ވެސް ވަނީ ލަސްވެފަ އެވެ. 
އެހެންކަމުން، އެއާޕޯޓަށް ދިއުމުގެ ކުރިން އެ މީހަކު ދަތުރުކުރާ އެއާލައިން މެދުވެރިކޮށް ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށާއި، ދަތުރަށް ނުކުތުމަށް އިތުރު ވަގުތު ހަމަޖެއްސުމަށް އޭސް ޓްރެވަލްސްއިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.
ފިރާގު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ދަތުރުވެރިންގެ ފަރާތުން ދޭ އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް ދަތުރުވެރިންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދެވޭނެ ކަންތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ