އެމެރިކާއިން ޖެހިޖެހިގެން 12 ވަނަ ރޭ އީރާނަށް ހަމަލާތައް ދެމުންދަނިކޮށް، އީރާނާ ގުޅުންހުރި ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އޮތް ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ރޭ ބުނެފި އެވެ.
މިއާ އެކު، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ހޫތީން ބުނި ގޮތުގައި 'އެންސެލިއާ' އަދި 'ލައިލާ'އަށް ދިން މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް އިއުލާނުކޮށްފައިވާ ކަނޑުގެ ބްލޮކޭޑްގެ ބައެކެވެ.
ކަނޑުގެ ސެކިއުރިޓީ މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، ސައުދީގެ ޖީޒާން ބަނދަރު ކައިރިން މިސައިލެއް އަމާޒުވިކަން ރިޕޯޓްކުރުމަށްފަހު 'އެންސެލިއާ' އިން ވަނީ އެހީއަށް އެދި ސިގްނަލް ފޮނުވާފަ އެވެ. ނަމަވެސް 'ލައިލާ'އަށް ދިން ހަމަލާ އެހެން މަސްދަރަކުން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
މި ނުތަނަވަސްކަން އިތުރުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް އީރާނުން އިންޒާރު ދެމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ސަރަހައްދީ މައި ދެ ކަނޑުއޮޅިން ސަލާމަތްވުމަށްޓަކައި ގިނަ ތެޔޮ ޓޭންކަރުތަކަކުން ދަނީ އެ އުޅަނދުފަހަރުގެ މިސްރާބު ބަދަލުކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާތައް އަމާޒުކުރަމުންދާ ނަމަ، އީރާނުގެ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް އެމެރިކާއިން ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އީރާނުން މިއަށް ރައްދުދެމުން ބުނީ އެފަދަ ހަމަލާއެއް ދީފި ނަމަ، "އެންމެ ތެޔޮ ތިއްކެއް ވެސް" އެކްސްޕޯޓްކުރުން ހުއްޓުވާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ކަނޑުގެ ދަތުރުފަތުރަށް އީރާނުން ދޭ ނުރައްކާތައް އިތުރަށް ކުޑަކުރުމަށްޓަކައި އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވި ފަހުން، މި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ 18 މީހަކު މަރުވެފައިވާއިރު، އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާއިން ދާދި ފަހުން ދިން ހަމަލާތަކުގައި އާންމުންގެ 53 މީހަކު މަރުވެ، 592 މީހުން ވަނީ ޒަހަމްވެފަ އެވެ.
ރަތްކަނޑުގެ ނުތަނަވަސްކަން ބޮޑުވެ، ސައުދީގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިން ކަމަށް ހޫތީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ