ޒިއުރިކް (ޖުލައި 23) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން، ފީފާގެ ކްލަބް ބެނިފިޓްސް ޕްރޮގްރާމްގެ ދަށުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކްލަބަކަށް އިނގިރޭސި ކްލަބް، މެންޗެސްޓާ ސިޓީ ވެއްޖެ އެވެ.
ފީފާ އިން ތައާރަފްކޮށްފައިވާ ކްލަބް ބެނިފިޓްސް ޕްރޮގްރާމް އަކީ، ވޯލްޑް ކަޕް ނޫނީ ފީފާގެ މުބާރާތްތަކަށާއި މެޗުތަކަށް ކްލަބްތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސްކުރުމަށްޓަކައި، އެ މުއްދަތަށް ދައްކާ ފައިސާގެ ކަންކަން ހަމަޖައްސައިދޭ ސިސްޓަމެކެވެ.
ފީފާ އިން، 48 ގައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވި ވޯލްޑް ކަޕް، 39 ދުވަހަށް ދިގު ދެމިގެންދިޔަ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް، ކްލަބް ބެނިފިޓްސް ޕްރޮގްރާމްގެ ދަށުން ދިން ފައިސާގެ ޖުމްލަ އަދަދަކީ، 209 މިލިއަން ޑޮލަރެެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި، 70 ޕަސެންޓްގެ އިތުރުވުމަކާ އެކު، 355 މިލިއަން ޑޮލަރު ވަނީ ކްލަބްތަކަށް ދޫކޮށްފަ އެވެ.
އެ 355 މިލިއަން ޑޮލަރުގެ ތެރެއިން، 250 މިލިއަން ޑޮލަރަކީ، މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަ ކޮށްފައިވާ ބައެވެ. މީގެ ކުރިއާ ހިލާފަށް ފީފާ އިން މި ފަހަރު ވަނީ ކޮލިފައިން މެޗުތަކަށް ކުޅުންތެރިން ރިލީސްކުރި ބަޔަަށް ވެސް 100 މިލިއަން ޑޮލަރުގެ ބައެއް ހާއްސަކޮށްފަ އެވެ. އަދި، ބާކީ ފަސް މިލިއަން ޑޮލަރަކީ، އެޑްމިނިސްޓްރޭޝަނާއި އެެހެނިހެން ހަރަދުތަކަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ސިޓީ އަށެވެ. އެ ޓީމަށް ޖުމްލަ އެކު، 4.4 މިލިއަން ޑޮލަރު ޖެެހެ އެވެ. މި ފައިސާ ދޭ މިންގަނޑު ކަނޑައަޅާފައިވަނީ، ކޮންމެ ކުޅުންތެރިއަކަށް ދުވާލަކަށް 5000 ޑޮލަރުގެ މަގުންނެވެ. ސިޓީ އަށް ބޮޑު އަދަދެއް ޖެހުނު އެންމެ ބޮޑު ސަބަބަކީ، އެ ކްލަބްގެ ގިނަ ކުޅުންތެރިންތަކެއް މުބާރާތުގެ ސެމީ ފައިނަލާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލުގައި ކުޅެފައިވާތީ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 ކްލަބަށް ބަލާއިރު، ސިޓީގެ ފަހަތުން ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 3.9 މިލިއަން ޑޮލަރު، ބަޔާން މިއުނިކް އަށް 3.4 މިލިއަން ޑޮލަރު، އާސެނަލަށް 3.3 މިލިއަން ޑޮލަރު، ޕީއެސްޖީ އަށް 3.2 މިލިއަން ޑޮލަރު، އެތުލެޓިކޯ މެޑްރިޑަށް 3.2 މިލިއަން ޑޮލަރު، ކްރިސްޓަލް ޕެލަސް އަށް 2.7 މިލިއަން ޑޮލަރު، މެންޗެސްޓާ ޔުނައިޓެޑަށް 2.6 މިލިއަން ޑޮލަރު، ރެއާލް މެޑްރިޑަށް 2.6 މިލިއަަން ޑޮލަރު އަދި އޭސީ މިލާނަށް 2.4 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ރިކޯޑްކުރެވިފައިވާ ގޮތުގައި، މެޖޯރިޓީ ކްލަބްތަކަށް 2022 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެން މި ފަހަރު އެއް މިލިއަން ޑޮލަރު އިތުރެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެއް ލީގަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނައިން ކުޅެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިންނެވެ. އެ ގޮތުން، ޕްރިމިއާ ލީގުގެ 1248 ކުުޅުންތެރިން މި ވޯލްޑް ކަޕްގައި ކުޅުނުއިރު، ކްލަބް ބެނިފިޓްސް ޕްރޮގްރާމް އިން އެ ލީގުގެ ކްލަބްތަކަށް ޖުމްލަ އެކު، 34.2 މިލިއަން ޑޮލަރު ދޭނެ އެވެ. ދެން، އެންމެ މަތީގައި އޮތީ ޖަރުމަނުގެ ބުންޑަސްލީގާ އެވެ. ބުންޑަސްލީގާގެ ކްލަބްތަކަށް ޖުމްލަ އެކު، 18.8 މިލިއަން ޑޮލަރު ޖެހެ އެވެ.
ވޯލްޑް ކަޕުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކްލަބަކީ ސިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ