އެމެރިކާއާއި ސައުދީން ނިއުކްލިއާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އިއުލާންކޮށްފި

އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ސިވިލް ނިއުކްލިއާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުން އިޢުލާނުކޮށްފިއެވެ. އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނީ އެ އެއްބަސްވުމަކީ "ތާރީޚީ" އެއްބަސްވުމެއް ކަމަށާއި އެމެރިކާގެ ކުންފުނިތަކުން ސަޢުދީއަށް ނިއުކްލިއާ ޓެކްނޮލޮޖީ ފޯރުކޮށްދޭނެ ކަމަށެވެ. މި އެއްބަސްވުމުގައި އެކުލެވިގެންވަނީ 1954 ވަނަ އަހަރު ޢާންމުކުރި އެޓޮމިކް އެނާޖީ އެކްޓްގެ 123 ވަނަ މާއްދާގެ ދަށުން ބައިލޭޓަރަލް ސޭފްގާޑްސް އެގްރީމަންޓެއް ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. "މި އެއްބަސްވުންތަކުން ދައްކުވައިދެނީ އެމެރިކާއާއި ސަޢުދީއާ ދެމެދުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، ޤައުމުގައި ތަނަވަސްކަން ފޯރުކޮށްދިނުމާއި، ބޭރުގައި ތިބި އެކުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދެ ޤައުމުން އެއްބަސްވާކަން،" އެމެރިކާގެ ހަކަތައާ ބެހޭ ސެކްރެޓަރީ ކްރިސް ރައިޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތަކުގައި ނިއުކްލިއާ ސޭފްޓީއާއި ނޮންޕްރޮލިފަރޭޝަންގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަމުގެ ޔަޤީންކަން ދޭ ކަމަށާއި، މިއީ ދުނިޔޭގެ އެންމެ މޮޅު ނިއުކްލިއާ ޓެކްނޮލޮޖީއާއި ސައިންސްވެރިންނަށް ބަރޯސާވެގެން އެމެރިކާގައި ފަރުމާކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށްވެސް އެ ބަޔާނުގައި ރައިޓް ވިދާޅުވެފައިވެއެވެ. ސަޢުދީ ޢަރަބިއްޔާއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އެމެރިކާގައި ވަޒީފާ އުފެދި، “ގްލޯބަލް ނޮންޕްރޮލިފަރޭޝަން ސްޓޭންޑަޑްސް ވަރުގަދަވެ، ސަޢުދީއާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕް ހަރުދަނާވާނެ” ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއިން ނިއުކްލިއާ ފިއުލް އެތެރެކުރުމަށްވުރެ، ޤައުމުގެ އެތެރޭގައި ޔޫރޭނިއަމް މުއްސަނދިކުރުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއަށް ލިބިގެންދާނެއެވެ. އެނާޖީ ޑިޕާޓްމަންޓުގެ ބަޔާނުގައި ޔޫރޭނިއަމް މުއްސަނދިކުރުމާ ބެހޭ ތަފުސީލެއް ދީފައެއް ނުވެއެވެ. އެ ބަޔާނުގައި މި އެއްބަސްވުމަކީ ދިހަވަރަކަށް އަހަރު ދުވަހުގެ، ބިލިއަން ޑޮލަރުގެ ޕާޓްނަޝިޕެއް ކަމަށާއި އެ އެއްބަސްވުން މުރާޖަޢާ ކުރުމަށް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިސްރާއީލާއެކު އީރާނާ ދެކޮޅަށް ފެބްރުއަރީ މަހު ހަނގުރާމަ ފަށާފައިވަނީ އީރާނުން ޔޫރޭނިއަމް މުއްސަނދިކޮށް ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ޙަމަލާވެސް ދީފައެވެ. ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) އިން ޔޫރޭނިއަމް މުއްސަނދިކުރުން މަނާކޮށްފައެއް ނުވެއެވެ. މިއީ ޔޫރޭނިއަމް އެޓޮމްގެ އެންމެ ރޭޑިއޯއެކްޓިވް ވައްތަރު ނުވަތަ އައިސޮޓޯޕް ވަކިކޮށް ހޯދުމުގެ ޕްރޮސެސްއެކެވެ. ނަމަވެސް ވަރަށް ގިނައިން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ބޭނުންކޮށްގެން ނިއުކްލިއާ ހަތިޔާރު އުފެއްދިދާނެއެވެ. މި ސަރަޙައްދުގައި ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ކަމަށް ބެލެވޭ ހަމައެކަނި ޤައުމަކީ އިސްރާއީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ