މެސީ އާއި އާޖެންޓީނާއާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ ނަމަ އަބުރުގެ ދައުވާ ކުރަނީ

މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕްގެ ފައިނަލުން ބަލިވި އާޖެންޓީނާ ޓީމާއި ވަކިވަކި ކުޅުންތެރިންނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަކީ ސޯޝަލް މީޑިއާގައި ހިންގާ ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއް ކަމަށް ސިފަކޮށް، އެކަމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ އިދާރާއިން ނިންމައިފި އެވެ.
ވޯލްޑް ކަޕްގެ ތެރޭގައި އާޖެންޓީނާ ޓީމާއި ވަކިވަކި ކުޅުންތެރިންނަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ.
އެގޮތުން މުބާރާތުގެ ތެރޭގައި އާޖެންޓީނާ ކުޅުންތެރިންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފު، އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ފެނިފައިވާތީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވި އެވެ.
އޭގެ ތެރޭގައި ބޭރުގެ ބޮޑެތި ނޫސްތަކާއި މަޝްހޫރު ސެލެބްރިޓީންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި ކުރީގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.
ފައިނަލްގައި ސްޕެއިން އަތުން ބަލިވުމަށްފަހު ދަނޑުމަތީގައި މާރާމާރީ ހިންގި ފަހުން ފާޑުކިޔުންތައް އިތުރުވި އެވެ. އަދި ފީފާއިން ވެސް އަންނަނީ އެ މައްސަލަ ހިމެނޭ ގޮތަށް، އާޖެންޓީނާ ޓީމާ ގުޅޭ ދެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
އާޖެންޓީނާގެ ނޫސްތަކާ ހަވާލާދީ ބޭރުގެ މީީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އާޖެއިންޓައިން ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ)އިން ސޯޝަލް މީޑިއާގައި އާޖެންޓީނާ އާއި އެ ޓީމުގެ ކުޅުންތެރިންނަށް އަމާޒުވި ފާޑުކިޔުންތައް ސިފަކުރަނީ ދޮޮގު މައުލޫމާތު ފެތުރުމުގެ ބޮޑު ކެމްޕޭނެއްގެ ގޮތުގަ އެވެ.
އޭއެފްއޭގެ ވިސްނުމަކީ އެ ކެމްޕޭން ހިންގައި، ދޮގު މައުލޫމާތު ފަތުރައި، ކޮމެންޓު ކުރާ މީހުން ހޯދައި، އަބުރުގެ ދައުވާ ކުރުމަށެވެ.
އެގޮތުން ހެކީގެ ގޮތުގައި 'މެޓާ' އެކި ޕްެލެޓްފޯމްތަކާއި 'އެކްސް'ގައި އެކި އެކައުންޓުތަކުން ހިއްސާކުރި ހަގީގަތާ ހިލާފު ޕޯސްޓުތަކާއި ފޮޓޯ އަދި ވީޑިއޯތައް އޭއެފްއޭއިން ހޯދައި، އެއްކުރަމުންދާ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ފާޑުކިޔާ މީހުން ބުނާ ގޮތުގައި އާޖެންޓީނާއަށް މިފަހުން ފީފާގެ މުބާރާތްތަކުގައި ކާމިޔާބު ލިބެނީ، އެ ޖަމިއްޔާއިން ހާއްސަ ގޮތްތަކަކާއި ލުއިތަކެއް، ބޭއިންސާފުން އެ ޓީމަށް ދެމުންދާތީ އެވެ.
ނަމަވެސް ފައިނަލްގައި ބަލިވީ އެ މެޗު ދޫކޮށްލަން ކޮންމެވެސް ފަރާތަކުން މަޖުބޫރުކޮށްގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ހަބަރު ފެތުރެމުންނެވެ.
ނަމަވެސް އެއީ ހުސް ދޮގު ވާހަކަ ކަމަށާއި، ފައިނަލްގައި ސްޕެއިން ބަލިކުރެވެން ނެތް ކަމަށް އޭއެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިނަލްގައި އާޖެންޓީނާއަށް ވުރެ މޮޅީ ސްޕެއިން ކަމަށާއި އެކަން ދެނެގަނެ، ކުޅިވަރުގައި މޮޅުވާކަން ގަބޫލުކުރާ ފަދައިން ބަލިވުން ވެސް ގަބޫލުކުރަން ވާނެ ކަމަށެވެ.
އޭގެ އިތުރުން މެޗުގެ ކުރިން އާޖެންޓީނާގެ ލޮކާ ރޫމްގައި ކުޅުންތެރިން ވާހަކަ ދައްކަން ތިއްބާ ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި އާޖެންޓީނާގެ ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެންނައިރު، ހަމަޖެހުމަށާއި ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލުމަށް މެސީ ބުނަމުންދެ އެވެ.
ނަމަވެސް އާޖެންޓީނާގެ ނޫސްތަކުން ބުނާ ގޮތުގައި އެއީ އެކި ގޮތްގޮތަށް އެޑިޓުކޮށްގެން ދައުރުކުރަމުންދާ ވީޑިއޯއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ