އީރާނާއި އިޒްރޭލުގެ ކަންބޮޑުވުންތަކާ އެކު ވެސް 1 ޓްރިލިއަން ޑޮލަރުގެ ދިފާއީ ބިލު އެމެރިކާގެ މަޖިލީހުން ފާސްކޮށްފި

އަސްކަރީ ހަރަދުތަކާއި އީރާނުގެ ހަނގުރާމަ އާއި އިޒްރޭލާ އެކު އޮތް ދިފާއީ އެއްބާރުލުން ފުޅާކުރުމާ މެދު ޑިމޮކްރެޓުންގެ ބޮޑެތި އިއުތިރާޒްތަކެއް ހުރި ނަމަވެސް، 2027 ވަނަ މާލީ އަހަރަށް ލަފާކުރާ 1.15 ޓްރިލިއަން ޑޮލަރުގެ ދިފާއީ ސިޔާސަތުގެ ބިލު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން އިއްޔެ ފާސްކޮށްފި އެވެ.
ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (އެންޑީއޭއޭ) ފާސްވީ 216 މެމްބަރުންގެ ތެރެއިން 212 މެމްބަރުންގެ ވޯޓުންނެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ފިކުރާ އެއްގޮތަށް ދީފައިވާ ވޯޓުތަކެކެވެ.
ރިޕަބްލިކަނުން ބުނި ގޮތުގައި، އީރާނާ އެކު ކުރެވޭ ހަނގުރާމަ ހިމެނޭހެން އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވުމަށާއި އާ ދިފާއީ ނިޒާމުތަކަށް ފަންޑުކުރުމަށާއި ސިފައިންގެ މުސާރަ %7އާ ހަމައަށް ބޮޑުކުރުމާއި އަސްކަރިއްޔާގެ ބޯހިޔާވަހިކަން ރަނގަޅުކުރުން ފަދަ އިނާޔަތްތައް ދިނުމަށް މި ރެކޯޑު އަދަދުގެ ހަރަދު ބޭނުންވެ އެވެ.
އިޖުތިމާއީ ޕްރޮގްރާމްތަކުގެ ހަރަދުތައް ކުޑަކުރަމުންދާ ދަނޑިވަޅެއްގައި ބިލުގެ ހަރަދު ބޮޑުވުމުން ޑިމޮކްރެޓުން ވަނީ ފާޑުކިޔާފަ އެވެ. އަދި ފަލަސްތީނުގެ ގާޒާގައި އާންމުން މަރުވަމުންދާތީ އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން، ޕެންޓަގަން އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ހުރި މާއްދާތަކަށް ވެސް އެ ބޭފުޅުން ވަނީ ދެކޮޅު ހައްދަވާފަ އެވެ.
މި ގާނޫނު މިހާރު ވަނީ ސެނެޓަށް ފޮނުވާފަ އެވެ. ސެނެޓުގައި އޮތް އެންޑީއޭއޭގެ އެހެން ބިލަކަށް ޑިމޮކްރެޓުން ވަނީ ކުރިން ހުރަސްއަޅާފަ އެވެ. މި ބިލު ތަސްދީގުކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވުމުގެ ކުރިން، ކޮންގްރެސްއިން އެ ދެ ބިލު އެއްގޮތްކޮށް އެއްބަސްވުމަކަށް އަންނަންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ