އަންނަ އަހަރުގެ ޖޫން މަހު މަޑޫރޯގެ މައްޗަށް ޝަރީއަތް ފަށަނީ

ވެރިކަމުން ދުރުކޮށްފައިވާ ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯގެ މައްޗަށް ހިންގާ ޝަރީއަތް އަންނަ އަހަރުގެ ޖޫން މަހު ފެށުމަށް ތާވަލުކޮށްފި އެވެ. 
މި ޝަރީއަތް ހިންގާނީ މެންހެޓަންގެ ފެޑެރަލް ކޯޓުގަ އެވެ. މިއީ އެމެރިކާގެ ތާރީހުގައިވެސް ހިނގާ އެންމެ ފާހަގަކޮށްލެވޭ އަދި ސީރިއަސް އެއް ޖިނާއީ މައްސަލަ އެވެ.  
އެމެރިކާގެ ސްޕެޝަލް ފޯސަސްއިން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރޭގަނޑު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ހައްޔަރުކުރީ ވެނެޒުއޭލާގެ ކަރާކަސްއިންނެވެ. އެއަށްފަހު އެ މީހުން ނިއުޔޯކަށް ގެންގޮސް ދައުވާ އުފުލުމުން، ދެ ބޭފުޅުންވެސް ވަނީ ކުށަށް އިންކާރު ކުރައްވާފަ އެވެ.
ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، މަޑޫރޯގެ ގާނޫނީ ވަކީލުން މައްސަލަ ބާތިލުކުރުމަށް ހުށަހަޅާ ފުރަތަމަ ހުށަހެޅުންތައް ސެޕްޓެމްބަރުގެ ކުރިން ހުށަހަޅާނެ އެވެ. އޭގެ ތެރޭގައި މިނިވަން ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށް ބުނެ ހުށަހަޅާ ހުށަހެޅުން ހިމެނޭނެ އެވެ.
ވެނެޒުއޭލާގެ ވެރިކަން ކުރެއްވި ސޯޝަލިސްޓް ލީޑަރު މަޑޫރޯ ވަނީ ކޯޓަށް ހާޒިރުކުރެވުނު ފުރަތަމަ ދުވަހު އޭނާއަކީ "ހަނގުރާމައިގެ އަސީރެއް" ކަމަށް ވިދާޅުވެފަ އެވެ. 
އެމެރިކާއިން ބުނަނީ މަޑޫރޯއަކީ ޑިކްޓޭޓަރެއް ކަމަށެވެ. އަދި 2018 އާއި 2024 ގެ އިންތިހާބުތައް އޭނާ އޮޅުވާލާފައިވާ ކަމަށް ބުނެ، 2019 އިން ފެށިގެން އެމެރިކާއިން މަޑޫރޯއަކީ ވެނެޒުއޭލާގެ ސައްހަ ރައީސް ކަމަށް ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ