ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. މިއީ 16 ޖޫން 2013ވަނަ ދުވަހު ފާސްކުރި ޚާއްސަ އޯޑަރެއްގެ ދަށުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަނީ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްކަންދަރު ކޮށި ބޭރުގައި ގާއިމްކޮށްފައިވާ މެމޯރިއަލް ވޯލްގައި ގާޑް މައުންޓްކުރުމަށްފަހު ޑިއުޓީ އަދާކުރަމުން ދަނިކޮށް މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި ދުވަހާ ގުޅުވައިގެން ޚާއްސަ ދުޢާއެއްވެސް ވަނީ ކޮށްފައެވެ.
ޕޮލިސް މެމޯރިއަލް ޑޭ އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ހުންނަވަނިކޮށް ދިން ނުރައްކާތެރި ޙަމަލާއެއްގައި 2012 ވަނަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމުގެ ހަނދާނުގައެވެ.
އާދަމް ޙަލީމް ޝަހީދުވެފައިވަނީ އޭނާގެ ރަށް، ކ. ކާށިދޫގައި ރަސްމީ ޑިއުޓީގައި ހުންނަވަނިކޮށް ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ޤާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި ދިން ހަމަލާއަކުންނެވެ،
ފުލުހުންގެ މެމޯރިއަލް ދުވަސް މިދުވަހާ ގުޅިގެން ފާހަގަކުރާގޮތަށް ހަމަޖެއްސެވީ އާދަމް ޙަލީމް ޝަހީދުވި ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި، ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށްވާތީއެވެ.
ޕޮލިސް މެމޯރިއަލް ޑޭ: ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ