ބަދަލުގެ ގޮތުގައި ޖީއެމްއާރަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށް ސަރުކާރުން އާބިޓްރޭޝަންގައި ބުނެފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ވީ އެއްބަސްވުން ސަރުކާރުން އުވައިލުމުން އެ ކުންފުންޏަށް ވީ ގެއްލުމުގެ ބަދަލުގައި ބަދަލުގެ ގޮތުގައި ޖީއެމްއާރަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ސިންގަޕޫރުގެ އާބިޓްރޭޝަންގައި މި ހަފުތާގައި ބުނެފި ކަމަށް "ހަވީރަ"ށް ކަށަވަރުވެއްޖެ އެެވެ.
ޖީއެމްއާރަށް ވީ ގެއްލުމުގެ ބަދަލުގައި 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަތުން ހޯދަން ޖީއެމްއާރުން ކުރިން ވަނީ އާބިޓްރޭޝަންގައި އެދިފަ އެވެ. އެއަށް ޖަވާބުދާރީ ވަމުން ދިވެހި ސަރުކާރުން އާބިޓްރޭޝަންގައި ބުނީ މިހާތަނަށް ފާހަގަވާ ގާނޫނީ ނުކުތާތަކަށް ބަލާއިރު އެއްވެސް ފައިސާއެއް ޖީއެމްއާރަށް ދޭންނުޖެހޭނެ ކަމަށެވެ.
ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ޖީއެމްއާރަށް ދޭންޖެހެނީ އެއާޕޯޓް ހިންގައިގެން ލިބޭނެ ކަމަށް އަންދާޒާކުރި ފައިދާގެ ތެރެއިން އެގްރިމަންޓް ބާތިލްކުރުމުން ލިބުނު ގެއްލުމާއި ސަބްކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ހިމަނައިގެން ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ވަނީ ބުނެފަ އެވެ.
ޖީއެމްއާރު އެއްބަސްވުން އުވާލީ އޭގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑު މާލީ ގެއްލުމެއް ލިބޭ ކަމަށް ސަރުކާރުގެ ހާއްސަ ކޮމިޓީއަކަށް ފެނިގެންނެވެ. އަދި އެގްރީމަންޓުގައި ގާނޫނީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ