ހައްޖަށް މީހުންގެންދިއުމާއިގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

2013ވަނަ އަހަރު ދިވެހި ރާއްޖެއިން ހައްޖަށް މީހުންގެންދިއުމާއި ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިއަދު ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި ޞަފާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގައި ކުރި ދައުވާއަކާއި ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ހަތަރު ކުންފުނިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކާއި އަދި ހުއްދަ ދެވޭނެ ފަރާތްތަށް ކަމުގައި ބަލައިގެން އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މައްޗަށާއި އެކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.މިހަތަރު ކުންފުނިން ވެސް ދައުވާ އުފުލާފައިވަނީ އެ ހަތަރު ކުންފުނިން ހުށަހެޅި ބިޑް ޑޮކިއުމެންޓްތައް ބަލައިގަތުމަށްފަހު އިވެލުއޭޓުކޮށްފައި ނުވާތީކަމަށާއި، އަދި އެކުންފުނިތަކުގެ ބިޑް އިވެލުއޭޓުކޮށްފައި ނުވަނީ އެކުންފުނީގެ ފަރާތުން ބިޑް ހިފައިގެން ދިޔަ މީހާގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުގެންގޮސްގެންކަމަށް މި ކުންފުނިތަކުން ހާމަކުރެއެވެ.ރާއްޖެއިން މީހުން މިއަހަރު ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން 126 ކޯޓާ މިދިޔަ އަހަރު މަލީޝާ ގުރޫޕުން ހައްޖައް ނުދެވި ތިބި މީހުންނަށް ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ހަމަޖައްސަވާފައެވެ.މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް 17 ފަރާތަކުން ކުރިމަތި ލާފައިވީއިރު 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ