ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ގާސިމް އިބްރާހިމް ދެއްކެވި ވާހަކަ ތަކަކީ ތެދު ވާހަކަ ތަކެއް ކަމަށާއި އިސްލާހީ މަސައްކަތް ތަކަށް އެމަނިކުފާނު ބަހައްޓަވާ ސަމާލުކަމަށް ތަރުހީބު ދެއްވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓް ދެއްވުމަށާއި އެޕާޓީގެ ކެމްޕޭނުގެ މަސައްކަތްތައް ފެށުމަށް ރޭ ކުނޫޒް ގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ކަންކަން ބޮއްސުން ލައިގެން ދިޔައީ މަޖިލީހަށް ހޮވިވަޑައިގެންނެވި ބައެއް މެމްބަރުން ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ޖޭޕީ އިން ވަކިވެވަޑައިގެންނެވި އަށް ބޭފުޅުންނާއި އެމްޑީޕީ އިން ވަކިވެ ވަޑައިގެންނެވި ހަތަރު ބޭފުޅުން އެބޭފުޅުންގެ ޕާޓީތަކަށް އަލުން ރުޖޫއަ ވުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ގާސިމް ވަނީ ކުރީގެ ރައީސް މައުމޫނަށާއި ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫން އަތުން ނެންގެވެމުން އެމަނިކުފާނާއެކު މަަސައްކަތް ކުރެއްވީ އެމަނިކުފާނަށް ކުރައްވާ އިހްތިރާމެއްގެ ސަބަބުން ކަމަށް ވިދާޅުވެ 30 އަހަރުވަންދެން ރައީސް މައުމޫން ކޮށްދެއްވި ކަންކަން ފާހަގަ ކޮށް ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގަތުމުން ވެރިކަން ހަވާލު ކުރެއްވީ ރީތި ގޮތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރެއްވި ޓެރަރިޒަމްގެ ދައުވާ އަކީ އެމަނިކުފާނަށް ކުރެވިގެންވާނެ ދައުވާއެއް ނޫންކަމަށާއި އެމަނިކުފާނާ އެއްކޮޅަށް މަސައްކަތް ކުރީ ނުހައްގުން ލިބޭ އަނިޔާ އަކުން ރައީސް ނަޝީދު ސަލާމަތް ކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.
ކުރީގެ ދެރައީސުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވާއިރު ގާސިމް ވަނީ މިހާޜުގެ ސަރުކާރުން ކުރައްވާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ގާސިމް ދެއްކެވި ވާހަކަތަކަށް މައުމޫން ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ