ޑީއާރުޕީ އިންތިހާއަށް ދަރަނިވެރިވެފައި ވަނިކޮށް އެ ޕާޓީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވުމަށްފަހު، ރައީސް މައުމޫންގެ ރައީސް ކަމުގެ ދަށުން ޕީޕީއެމް ހިންގަވަމުން ގެންދަވާތާ ފަސް އަހަރު ފުރިގެން ކޭކެއް ފެޅުއްވި އިރު، އެ ކޭކަށްވުރެ ބޮޑަށް ފެޅިފައި އޮތީ ޕީޕީއެމް އެވެ.
ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫން ހުންނަވާއިރު، ޤައުމުގެ ރައީސް ހުންނަވަން ޖެހިވަޑައިގަންނަވާނީ ޕާޓީގެ ރައީސަށްވުރެ ދަށުގައި ކަމަށް ހީވާ ގޮތަކަށް ދުވަސްގަނޑަކު ކަންކަން ހިނގަމުން ދިޔުމަށްފަހު، ވެރިކަމުގެ އާރާއި ބާރުތައް އެންމެ ފުރިހަމަޔަށް ރައީސް ޔާމީން މިނިވަންކަމާއެކު ހިއްޕަވަން ފެއްޓެވުމާ ގުޅިގެން ރައީސް މައުމޫނަށް ކުރިމަތިވެ ވަޑައިގަތް ނުތަނަވަސްކަން ރޭ އެމަނިކުފާނު ބަންޑުން ކޮށްލައްވަމުން އެމަނިކުފާނު ވަނީ، ކުރިން ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާފައެވެ.
އެޔާއެކު، އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކޮށްފައި ވައިރު، ޕީޕީއެމްގެ މެންބަރުން ވަނީ އެކަމުގެ ސަބަބުން ސަރުކާރަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށާއި އޭގެ ބަދަލުގައި އެމަނިކުފާނަށް މީހުން ކުރާ އިހުތިރާމަށް އަސަރުފޯރާނެ ކަމަށް ބުނެފައެވެ.
އާންމުކޮށް ރައީސް މައުމޫންގެ ކިބައިން ފެންނަ އަޚުލާޤީ ހަމަތަކާ ޚިލާފަށް އެމަނިކުފާނު މި ދުވަސްކޮޅު ބައެއް ކަންކަން ކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްގެ މެންބަރުން އެ ފާހަގަ ކުރައްވާ ފަދައިން ރައީސް މައުމޫނަށް އިހުތިރާމް ގެއްލުމަކީ ނުވުމަށްވުރެ ވުން ގާތްގޮތެކެވެ.
ނަމަވެސް، އެމަނިކުފާނަށް ލިބުނު ތަރުހީބުވެސް ވަކި ކުޑައެއް ނޫނެވެ. ސަރުކާރަށް އިތުރަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް މައުމޫން އިއުލާނު ކުރެއްވުމުން އިދިކޮޅު އެމްޑީޕީއިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި، އެ ޕާޓީގެ ރައީސް ކަމުގެ މުއްދަތު ހަމަވެފައި ހުންނެވި ރައީސް ނަޝީދު ވެސް ވަނީ މައުމޫނަށް މަރުހަބާ ދަންނަވާފައެވެ.
އޭގެ އިތުރުން އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ރައީސް މައުމޫނަށް ތަރުހީބު ދިނުމުގެ ލިޔުންތަކާއި ފޮޓޯތައް ހިއްސާ ކުރުމުގެ އިތުރުން އެ ފަރާތްތަކުގެ ޕްރޮފައިލް ފޮޓޯގެ ގޮތުގައިވެސް ރައީސް މައުމޫންގެ ފޮޓޯ ބޭނުންކުރަން ފަށާފައެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރައީސް މައުމޫނާއެކު މަސައްކަތް ކުރުމަށް ތައްޔާރުކަމަށް ބުނެފައެވެ.
ކަން މިހެން އޮތުމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް މައުމޫން މިވަނީ އިދިކޮޅު އެންމެ އިސް ލީޑަރަށް ބަދަލުވެފައެވެ. އަދި، އެމްޑީޕީ މިވަނީ ރައީސް މައުމޫންގެ ނިވަލަށް ވަދެފައެވެ.
އިދިކޮޅު ލީޑަރަކަށް ރައީސް މައުމޫން ބަދަލުވެ، އެމްޑީޕީގެ އަޑު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ