ރޯގާއަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށްވާން ފަށައިފި

ރޯގާޖެހިގެން ފަރުވާ ހޯދަމުން އަންނަ އަދަދު ދަށްވަމުން އަންނަ ކަމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަންގާރަ ދުވަހު ރޯގާޖެހިގެން ރާއްޖެ އިން 2334 މީހަކު ފަރުވާހޯދާފައިވާ އިރު ބުދަ ދުވަހު އެ އަދަދު ވަނީ 1890 އަށް ދަށްވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެއަދަދު 2540 އަށް އެރި ނަމަވެސް އިއްޔެ ވަނީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 1549 އަށް ދަށްވެފަ އެވެ. ހާއްސަކޮށް އަތޮޅުތެރެއިން ޑޮކްޓަށް ދެއްކި މީހުންގެ އަދަދު ދަށްވާކަން ފާހަގަވެ އެވެ. ބުރާސްފަތި ދުވަހު ރޯގާޖެހިގެން އަތޮޅުތެރެއިން 1551 މީހަކު ފަރުވާހޯދި އިރު އިއްޔެ ހޯދާފައި ވަނީ 869 މީހުންނެވެ. އިއްޔެ މާލެއިން ރޯގާއަށް ފަރުވާ ހޯދީ 680 މީހުންނެވެ. އެޗްވަންއެންވަން އަށް އިއްޔެގެ ނިޔަލަށް 350 މީހުން ޓެސްޓްކޮށްފައިވާ އިރު އޭގެ ތެރެއިން 114 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ