ޞާލިޙްގެ އިގުތިސާދީ ފޯމިއުލާ ބޭނުންވި ގައުމުތައް ހޯދުމާ ގުޅޭ މައްސަލަ ސަރުކާރުން ދޫކޮށްލައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންކުރެއްވި އިގުތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް، އޭރުގެ ނޫސްވެރިޔާ އަދި މިހާރު މަޖިލިސް މެންބަރު އަހްމަދު އަޒާނަށް ދޭން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން ހައިކޯޓަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް، މައްސަލަ ދޫކޮށްލަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމަވައިފިއެވެ. އެ މައްސަލަ އުފެދިފައިވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި، ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ޞާލިޙް ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުންނެވެ. އެ ގައުމުތަކަކީ ކޮބައިކަމާއި އެ ގައުމުތަކުގެ ވެރިންގެ ނަން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އޭރު ދިޔަރެސް ނޫހުގައި މަސައްކަތް ކުރި އަޒާން ހުށަހެޅިއެވެ. އެ މައުލޫމާދު ދިނުމަށް އިންކާރުކޮށް ފޮރިން މިނިސްޓްރީން އޭރު ބުނެފައިވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ލިބޭ ލިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް އަދި ވިއޭނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސްގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ލިޔުންތަކެއް ކަމަށެވެ. އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން އެ މައުލޫމާތު ހާމަކުރަން މިނިސްޓްރީއަށް އެންގިއެވެ. އެކަމަކު، އެ މައުލޫމާތު ހާމަނުކޮށް، ފޮރިން މިނިސްޓްރީން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. އޭރުން ފެށިގެން، ހައިކޯޓުގައި އެ މައްސަލަ އޮތުމަށް ފަހު ހައިކޯޓުން މިއަދު އެ މައްސަލަ ބާތިލުކުރީ، ބަންޑާރަ ނައިބުގެ އޮފީހުން އެދިގެންނެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނޭދޭތީ މައްސަލަ ބާތިލުކޮށްދިނުމަށެވެ. އެ އެދުމަށް ރިއާޔަތްކޮށް ހައިކޯޓުން މައްސަލަ ބާތިލު ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ