ރާއްޖެ އިޝްތިހާރުކުރަން ބާދްޝާއާއެކު ކެމްޕެއިނެއް

އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މި އަހަރު ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތުގެ ދަށުން، ބައިނަލްއަޤުވާމީ ފެންވަރުގައި މަޤުބޫލު އިންޑިއާގެ މިއުޒިކީ ތަރި، ޓީވީ ޝަޚްސިއްޔަތު އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދްޝާ ރާއްޖެއަށް ކުރި ހަތަރު ދުވަހުގެ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ކަލްޗަރަލް އެމްބެސެޑަރެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ދަތުރު ހޯސްޓް ކޮށްދީފައިވަނީ، ހައިޑްއަވޭ ބީޗު ރިސޯޓް އެންޑް ސްޕާ ރިސޯޓުންނެވެ. މި ދަތުރަކީ، އިންޑިއާގެ ނުފޫޒުގަދަ ސަޤާފީ ޝަޚްސިއްޔަތަކާއި ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލް ގުޅުވައިދީ، އިންޑިއާގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ފަރުމާކުރި ޚާއްޞަ ކެމްޕޭނެކެވެ.
ބާދްޝާއަކީ، އޭނާގެ މިއުޒިކާއި ވީޑިއޯތަކަށް ބިލިއަނުން 'ސްޓްރީމްސް' ލިބިފައިވާ، މުޅި ދެކުނު އޭޝިއާގައި ނުފޫޒުގަދަ ފަންނާނަކަށް ވުމާއެކު، އައު ޖީލުގެ ދަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް އޭނާއަކީ، އެންމެ އެކަށީގެންވާ ބައިވެރިޔާއެވެ. މި ދަތުރުގައި ބާދްޝާ ވަނީ ރާއްޖޭގެ މެހުމާންދާރީއާއި، ވޯޓަރ އެޑްވެންޗަރއާއި، ލަގްޒަރީ ޔޮޓު ދަތުރުތަކުގެ އިތުރުން ރާއްޖޭގެ ސަޤާފީ ކަންކަން ތަޖުރިބާކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ބާދްޝާއާއެކު ފެށި މި މަސައްކަތަކީ އިންޑިއާގެ ދަތުރުވެރިންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ބާދްޝާގެ މަޤުބޫލުކަން ބޭނުންކޮށްގެން، އިންޑިއާގެ ދަތުރުވެރިންނަށް ރާއްޖެއަކީ ކައިރި، ފަސޭހައިން އާދެވޭ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއްކަން ހަނދާންކޮށްދިނުން." ޝިއުރީ ވިދާޅުވިއެވެ.
ބާދްޝާގެ މި ދަތުރުގައި އުފެއްދި ކޮންޓެންޓުތަކުގެ ތެރޭގައި އިންސްޓަގްރާމް ރީލްސްއާއި، ޔޫޓިއުބް ވްލޮގްތައް ހިމެނެއެވެ. އަދި ކޮންޓެންޓުތައް ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެއެވެ. މިއީ، ރާއްޖެއަކީ އާއިލީ ދަތުރުތަކާއި، ހަނީމޫން އަދި ލަގްޒަރީ ދަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލުކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާއަކީ، މުހިންމު މާކެޓެކެވެ. ތާރީޚީ ގޮތުން ބަލާއިރު، 2020، 2021 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމަކީ އިންޑިއާއެވެ. އަދި 2023 ވަނަ އަހަރު 209,193 ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ 11.1 އިންސައްތަ ހިއްސާކުރީވެސް އެ ޤައުމުންނެވެ. މި އަހަރުގެ ޖުލައި 19 އާ ހަމައަށް އިންޑިއާއިން ރާޢްޖެއަށް 68,933 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަކީ، "ދަ ސަނީ ސައިޑް އޮފް ލައިފް" ޝިއާރުގެ ދަށުން ރާއްޖެ އިޝްތިހާރުކުރާ ދައުލަތުގެ ކުންފުންޏެވެ. އެ ކުންފުނީގެ އަމާޒަކީ މިފަދަ ބޮޑެތި ކެމްޕޭންތަކުގެ އެހީގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ