17 އަހަރަށް ޖަލަށް ލާފައި ހުންނެވި ގާޒީ ނިހާނަށް އައިޖީއެމްއެޗްގައި ފަރުވާ ދީފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިނގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
ގާޒީ ނިހާން މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރަށް ދެއްކުމަށްފަހު އެކްސްރޭ ނަގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުޣުމާން ފޯނަށް ޖަވާބު ނުދެއްވާތީ ގާޒީ ނިހާން ޑޮކްޓަރަށް ދެއްކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގއ. މާމެންދޫ، ވީނަސް، ގާޒީ އަހްމަދު ނިހާންގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގަ އެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާ އަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިހަތަރު ދައުވާގެ ތެރެއިން މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގަ އެވެ. މި ދައުވާ ސާބިތުވެ ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
މިމައްސަލަ ގަޒީ ނިހާން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މިމައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އެތައް މަހެއް ވަނީ ފާއިތުވެ ގޮސްފަ އެވެ.
ގާޒީ ނިހާން ހައްޔަރުކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ފަނޑިޔާރުންގެ ގާނޫނުގައި ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާއިރު ގާޒީ ނިހާން ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން އަދި ނިންމާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ