އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އީރާނުގެ ދެކުނުގެ މުހިންމު ބަނދަރުތަކާއި އަސްކަރީ ސައިޓްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަނެއްކާވެސް ދޭން ފަށައިފިއެވެ. އެއާއިއެކު ސްޓްރެއިޓް އޮފް ހޮރްމޫޒް (ހޮރްމޫޒް ކަނޑުއޮޅި) ބަންދުކޮށްފައިވާ ކަމަށް އީރާނުން ވަނީ އިއުލާން ކޮށްފައެވެ.
މިއީ މި ހަފްތާގެ ތެރޭގައި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދިން ތިންވަނަ ބުރުގެ ހަމަލާތަކެވެ.
މި ހަމަލާތައް ދޭން ފެށީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސައިޕްރަސްގެ ދިދަ ޖެހި އާގުބޯޓަކަށް ކްރޫޒް މިސައިލުން ހަމަލާދިނުމުންނެވެ. އީރާނުގެ މި ހަމަލާގެ ސަބަބުން އެ ބޯޓުގެ އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއްވެ، ބޯޓުގައި އަލިފާން ރޯވެފައިވާއިރު، ބޯޓުގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ އައިއާރުޖީސީ އިން ބުނެފައިވަނީ "އެމެރިކާގެ ނުފޫޒާއި މެދުވެރިވުންތައް" މި ސަރަހައްދުން ނިމެންދެން ހޮރްމޫޒް ކަނޑުއޮޅި ދާއިމީކޮށް ބަންދުކޮށްފައިވާނެ ކަމަށެވެ. އަދި ބޯޓަށް ހަމަލާދިނީ ނެވިގޭޝަން ސިސްޓަމްތައް ނިވާލައި، ހުއްދަ ނޫން މަގަކުން ދަތުރުކޮށް، ދިން އިންޒާރުތަކަށް ބޯނުލެނބުމުން ކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން، އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ވަނީ އެމެރިކާގެ ކިބައިން ބަދަލުހިފާނެ ކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ.
އެމެރިކާގެ ވައިގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ދެކުނުގެ މުހިންމު ރަށްތަކާއި ބަނދަރުތަކަށެވެ. އޭގެ ތެރޭގައި އީރާނުގެ އެންމެ ބޮޑު އެއް ބަނދަރު ކަމަށްވާ ބަންދަރު އައްބާސް އާއި، ކަނޑުއޮޅީގައި އޮންނަ މުހިންމު ރަށެއް ކަމަށްވާ ޤެޝްމް އައިލެންޑްގެ އިތުރުން އައްސޭރިފަށުގެ ބަނދަރު ސިޓީއެއް ކަމަށްވާ ސިރީކް ހިމެނެއެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ބުނީ، އީރާނުން ނިންމީ ވަރަށް ނުބައި ނިންމުމެއް ކަމަށާއި މިހާރު އޭގެ އަގު އެދަނީ ދައްކަމުން ކަމަށެވެ.
މި ހަމަލާތަކާއެކު މިދިޔަ ޖޫން މަހު ދެގައުމުގެ ދެމެދުގައި ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުން (އެމްއޯޔޫ) މިހާރު ވަނީ މުޅިން އުވިފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ނުތަނަވަސްކަމެއް ވަނީ ކުރިމަތިވެފައެވެ. މި ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި އޮމާނުން ދަނީ ދެ ފަރާތުގެ މެދުގައި ވާހަކަދައްކައި، ކަނޑުއޮޅީގެ ސަލާމަތްތެރިކަމަށް ޚާއްޞަ ދެ މަގެއް ކަނޑައެޅުމުގެ ހުށަހެޅުމަކާއެކު މަސްލަހަތު ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ.
ހޮރްމޫޒް ބަންދު، އެމެރިކާއިން އީރާނަށް ބޮން އަޅަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ