އާޖެންޓީނާ ދަނީ ހަމަ ކުރިއަށް، ސްވިޒަލޭންޑަށް ވެސް ސަލާމަތެއް ނުވި

ކަންޒަސް ސިޓީ (ޖުލައި 12) - އިތުރު ވަގުތުގައި ލަނޑު ޖަހައި 3-1 އިން ސްވިޒަލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ، ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އާޖެންޓީނާގެ ހަމައެކަނި ލަނޑު 10 ވަނަ މިނިޓުގައި ލިއޮނެލް މެސީގެ ކޯނަރަކުން ޖަހައިދިނީ އެލެކްސިސް މެކްއަލިސްޓާ އެވެ.
ފުރަތަމަ ހާފުގައި ސްވިލަޒެލެންޑް ހޯދި ފުރުސަތުތައް މާ ރަނގަޅަށް ބޭނުން ނުކުރެވުނަސް އެ ޓީމުން ވަނީ މި ހާފުގައި އާޖެންޓީނާގެ ތަރި މެސީ ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ސްވިޒަލެންޑް އެއްވަރު ކުރީ މެޗުގެ 67 ވަނަ މިނިޓުގައި ޑޭން އެންޑޯއީ އަރިމަތިން އަރައި ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ކުރިން ބްރީލް އެމްބޫލޫ އާއި ގްރޭނިޓް ޒާކާގެ ހަމަލާތަކެއް އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް ވަނީ ދިފާއު ކޮށްފަ އެވެ.
އޭގެ ދެ މިނިޓް ފަހުން އާޖެންޓީނާގެ ލިއަންޑްރޯ ޕަރޭދޭސް، ސްވިޒަލެންޑްގެ އެމްބޫލޫ އަށް ފައުލް ކުރީ ކަމަށް ރެފްރީ ނިންމުމުން ސްވިޒަލެންޑްގެ އެޕީލްއާ ގުޅިގެން ރެފްރީ ވަނީ ވީއޭއާރު ރިވިއު ކޮށްފަ އެވެ. ރިވިއު އަށް ފަހު ރެފްރީ ވަނީ އެމްބޫލޫ ޑައިވް ކުރީ ކަމަށް ނިންމައި އޭނާއަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
މިއީ މި މެޗުގައި އެމްބޫލޫގެ ދެވަނަ ރީނދޫ ކާޑަށް ވުމުން އެ ކާޑާ އެކު ރެފްރީ ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. އޭނާއަށް ފުރަތަމަ ހާފު ނިމެނިކޮށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ވެސް ޕަރޭދޭސް އަށް ކުރި ފައުލަކަށެވެ.
ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މިޑްފީލްޑުން ވައްޓާލި ޑައިގޮނަލް ޕާހެއް މެސީ ހުސްކޮށް އަރައި މެއިން ކޮންޓްރޯލް ކޮށްލާފައި ކީޕަރު ބޯ މަތިން ފޮނުވާލަން ޖައްސާލި ބޯޅަ ކީޕަރު ގްރެގޯ ކޯބެލް އަތުލި އިރު ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފަ އެވެ. ނަމަވެސް ރީޕްލޭ އިން ދެއްކީ މެސީ އޮންސައިޑްގައި ހުރި ތަނެވެ.
އޭގެ ދެ މިނިޓް ފަހުން ނިކޯ ގޮންޒާލެޒް ނެގި ހުރަހެއް މެކްއަލިސްޓާ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ނުވަ މިނިޓު ދެއްކި އިރު މި ވަގުތުގެ ތެރޭގައި މެސީގެ ހަމަލާއެއް ގޯލުގެ ތިރީ ކަނާ ދިމާލުން ބޭރަށް ދިޔަ އިރު ލިސަންޑްރޯ މާޓިނޭޒް ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
އާޖެންޓީނާ މޮޅުވީ 112 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒް ޖަހައިދިން ގޯލުންނެވެ. އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ. އަދި ލީޑު ފުޅާ ކޮށް ސަޕޯޓަރުން ހަމަޖައްސާލީ 120 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓުގައި އަވަސް ކައުންޓާ އެއްގައި ލަޓައުރޯ މާޓިނޭޒް ޖަހައިދިން ގޯލުންނެވެ.
ސެމީ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ އިންގްލެންޑާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ