ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ސްވިޒަލެންޑް ކޮޅަށް އިތުރު ވަގުތުގައި ޖެހި ދެ ގޯލުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ސްވިޒަލެންޑްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދިހަވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ލިއޮނެލް މެސީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސިސް މެކެލިސްޓާ އެވެ.
އެ ގޯލަށްފަހު އާޖެންޓީނާ އިން ބޮޑަށް މަސައްކަތްކޮށްފައިވަނީ ފަހަތަށް ފައިބައިގެން ޑިފެންސް ކުރުމަށެވެ. ސްވިޒަލެންޑުން ކުރިއަށްޖެހި އެޓޭކަށް މަސައްކަތްކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ފެށި ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ރިކާޑޯ ރޮޑްރިގޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯއީ އެވެ.
ސްވިޒަލެންޑަށް އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 72 ވަނަ މިނެޓުގައި ޑައިވް ކުރުމާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު ބްރީލް އެމްބޯލޯއަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެމްބޯލޯއަށް ރެފްރީ ކާޑު ދައްކާފައިވަނީ ވީއޭއާރަށް ބެލުމަށްފަހުއެވެ.
އެ ރަތް ކާޑާ ގުޅިގެން ސްވިޒަލެންޑްގެ މުޅި ކުޅުން ބަދަލު ކުރަން ޖެހި، އާޖެންޓީނާ އިން އެޓޭކުކުރަން ފެށިއެވެ. އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ތިއާގޯ އަލާމާޑާގެ ފުރުސަތުތަކެއް ފާހަގަކޮށްލެވުނެވެ. އަލްމާޑާގެ ދެ ހަމަލާއެއް ސްވިޒަލެންޑް ކީޕަރު ކޯބެލް މަތަކުރި އިރު، މެސީގެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ދެވަނަ ހާފު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.
ސްވިޒަލެންޑަށް ރަތް ކާޑެއް ދައްކާފައިވުމުން، އޭގެ ފައިދާގައި އެޓޭކުކުރަމުންދިޔަ އާޖެންޓީނާ އިން ވަނީ އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް ދެ ގޯލު ޖަހައި މޮޅު ޔަގީންކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސްވިޒަލެންޑް ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްލައިގެން އާޖެންޓީނާގެ ދެވަނަ ގޯލު ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް އާޖެންޓީނާ ސެމީއަށް، ތަފާތަކަށްވީ ސްވިޒަލެންޑަށް ރެފްރީ ދެއްކި ރަތް ކާޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ