ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން، އިންސްޓަގްރާމްގެ އާ އޭއައި ފީޗާ އުވާލައިފި

މެޓާއިން އިންސްޓަގްރާމްގައި ތައާރަފުކުރި އާ އޭއައި ފީޗާ އުވާލައިފިއެވެ. އާންމު ފަރާތްތަކުގެ އިންސްޓަގްރާމް އެކައުންޓުތަކުގައި ހުންނަ ފޮޓޯތައް ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ފޮޓޯ ބަދަލުކުރެވޭ ގޮތަށް މެޓާއިން ދާދިފަހުން ތައާރަފުކުރި އެ ފީޗާ އުވާލީ އާންމުންގެ ބޮޑެތި ފާޑުކިއުންތަކަކާ ގުޅިގެންނެވެ. މި ފީޗާއަކީ މިދިޔަ ހަފުތާގެ ކުރީކޮޅު މެޓާއިން ނެރުނު އޭއައި ޓޫލްތަކުގެ ތެރޭގައި ހިމެނޭ ފީޗާއެއް ނަމަވެސް، މެޓާއިން ބުނެފައިވަނީ މި ފީޗާ ފަރުމާކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެހެންކަމުން މިހާރު އެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ. https://www.sun.mv/224398 މިދިޔަ ހަފުތާގައި މެޓާގެ "ސުޕައިންޓެލިޖެންސް ލެބްސް" އިން އުފެއްދި "މިއުސް އިމޭޖް" ނަމަކަށް ކިޔާ އޭއައި އިމޭޖް ޖެނެރޭޓަރެއް ތައާރަފުކުރިއިރު، އޭގެ ތެރޭގައި ހިމެނޭ ޚާއްޞަ ފީޗާއެއްގެ އެހީގައި، އިންސްޓަގްރާމްގެ ޕަބްލިކް އެކައުންޓެއްގެ ނަން މެންޝަން ކޮށްލުމުން އެ އެކައުންޓެއްގައި ހުރި ފޮޓޯތަކަށް ބިނާކޮށް އާ ފޮޓޯ އުފެއްދުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް، މިގޮތަށް މީހެއްގެ ފޮޓޯ ބޭނުންކުރާއިރު އެ ފަރާތަކަށް އެއްވެސް ނޮޓިފިކޭޝަނެއް ނުވަތަ އެނގުމެއް ނުވާ ގޮތަށް މި ފީޗާ ހުރުމުން ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އުފެދިފައެވެ. މި މައްސަލައާ ގުޅިގެން މެޓާއިން ހުކުރު ދުވަހު ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ އަސްލު މަގްސަދަކީ އާންމު ޕަބްލިކް ކޮންޓެންޓް ބޭނުންކުރެވޭނެ އުފެއްދުންތެރި ޓޫލްއެއް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް، މި ފީޗާއަށް ލިބުނު ފާޑުކިއުންތަކަށް ބަލައި، މިއީ އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވުނު ފީޗާއެއް ނޫންކަން ގަބޫލުކޮށް، މިހާރު އެ ފީޗާ މުޅިން ނަގާފައިވާ ކަމަށް މެޓާއިން ހާމަކުރެއެވެ. އާންމުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމާއެކު، ނާޖާއިޒު ގޮތުގައި އެކި ކަންކަމަށް މީހުންގެ ފޮޓޯ ބޭނުންކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިގޮތުން މަޝްހޫރު ފަންނާނުންގެ އަސްލު ނޫން ފޮޓޯތައް އުފެއްދުމަށްވެސް މިފަދަ ޓޫލްތައް ބޭނުންކުރަމުންދާއިރު، މެޓާގެ މި ނިންމުމަކީ ޔޫޒަރުންގެ އިތުރުން މީޑިއާ އެޖެންސީތަކުން ވެސް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ