މައުމޫން އުފެއްދެވި ޕާޓީން މައުމޫން ދުރުކޮށްގެން ނުވާނެ: ޕީޕީއެމް ގޮފިތައް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާ މެދު ޕީޕީއެމްގެ ގޮފިތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމްގެ ހަ ގޮތްޕަކުން މިއަދު ވަނީ ވަކިވަކިން ނޫސްބަޔާން ނެރެފައެވެ.
އެ ބަޔާންތަކުގައި ބުނަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެއްޖެނަމަ ރައީސް މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭނެ ކަމަށެވެ. ރައީސް މައުމޫނަކީ ޕީޕީއެމްގެ އާންމު މެމްބަރުން ވަރަށް އިހުތިރާމް ކުރާ އަދި ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ލީޑަރެއްކަން އެ ބަޔާންތަކުގައި ފާހަގަކޮށްފައި ވެއެވެ.
"އެމަނިކުފާނަކީ ޕީޕީއެމްގެ އެންމެހާ މެމްބަރުން ފަޚުރުވެރިވާ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ ސިޔާސީ ލީޑަރަކަށް ވެފައި، ޕާޓީ ހިންގެވުމުގައި ވިސްނުންތެރިކަމާއެކު ޕާޓީގެ މަގުސަދާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިޚުލާސްތެރިކަމާއެކު ސަރުކާރަށް ވަފާތެރި ނަމޫނާ ލީޑަރަކަށް ވީހިނދު، އެމަނިކުފާނުގެ މަގާމު ގެއްލޭ ގޮތަށް މި އިސްލާހު ފާސްވިޔަނުދެއްވުމަށް، މިގޮފީގެ އެންމެހާ މެމްބަރުންނާއި ސަޕޯޓަރުން ޕާޓީގެ ޕާލަމަންޓްރީ ގުރޫޕާއި ކައުންސިލަށް ގޮވާލަމެވެ" ލާމަސީލު ގޮފީގެ ނޫސްބަޔާނުގައި ވެއެވެ.
ޕީޕީއެމްގެ ވިލިމާލެ ގޮތްޕާއި، ގަލޮޅު ރޫހު ގޮފިން ބުނެފައިވަނީ އެ އިސްލާހަކީ މައުމޫން ޕާޓީގެ ރައީސްކަމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ޖަރީމާއެއް ކަމަށެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެފަދަ އިސްލާހެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ސަރުކާރާއި ޕީޕީއެމަށް އޮތް ތާއީދު އިތުރުވެ، ރައީސް މައުމޫނަށް އިތުބާރުކޮށް އެތައް ބަޔަކު އެޕާޓީއާ ގުޅި، އިދިކޮޅު ފަރާތްތައް ބަލިކަށިވަމުންދާ ދިއުން ފޮރުވައި، ރައްޔިތުންގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލުން ކަމަށް އެ ގޮފިތަކުން ބުނެއެވެ.
"ޕީޕީއެމްގެ އާންމު މެމްބަރުންގެ ނިދިކޮޅު ނަގާލައި، މިޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދި، ޕާޓީގެ އެތެރޭގައި ބައިބައިވުންތައް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް މިގޮފިން ކުށްވެރި ކުރަމެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލަމެވެ" ވިލިމާލެ ގޮތްޕާއި ގަލޮޅު ރޫހު ގޮފީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރަށް ޕީޕީއެމްގެ ގޮފިތަކުން ނެރުނު ނޫސްބަޔާންތަކުގައި ވަނީ ރައީސް މައުމޫން އުފެއްދެވި ޕީޕީއެމުން އެމަނިކުފާނު ދުރުކުރުމުގެ އެއްވެސް ޚިޔާލަކަށް ތާއިދުނުކުރާނެ ކަމަށެވެ. އަދި ޕާޓީގެ ފިކުރަކީ ރައީސް މައުމޫން ކަމަށާއި ޕާޓީ ހިންގަންޖެހޭނީ އެމަނިކުފާނުގެ ފިކުރު އެކުލެވިގެން ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތައް ހިންގުމުގެ އިސް މަގާމުތަކަށް އައްޔަންކުރާ ނުވަތަ އިންތިޚާބުކުރާ ފަރާތްތަކުގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށެވެ. މައުމޫންގެ މިހާރުގެ އުމުރުފުޅަކީ 77 އަހަރެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކީ ޕާޓީގެ ވެސް ރައީސްގެ ގޮތުގައި ކަނޑައަޅަން އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ނުސީދާކޮށް އެކަން ހާމަކުރައްވާފައި ވެސް ވެއެވެ.
އިސްލާހަށް ވޯޓު ދިނުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. އިސްލާހު ބަލައިނުގަތުމަށް ތްރީލައިން ވިޕެއް ނެރުމަށް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހެޅުއްވިއެވެ. ނަމަވެސް ޕީޖީ ގުރޫޕަށް އަދި ވަނީ އެކަމަށް ގޮތެއް ނުނިންމިފައެވެ. އާޒިމް ހުށަހެޅުއްވި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ