ޔޫއޭއީ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައިފި

ރާއްޖެއަށް ދަތުރުކުރާ ޔޫއޭއީ މީހުން ރާއްޖޭގައި އުޅޭއިރު އަމިއްލަ ސަލާމަތާ ރައްކާތެރިކަަމަށް ސަމާލުވުމަށް ޔޫއޭއީ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ޔޫއޭއީ ސަރުކާރުން މިފަދަ އިލްތިމާސްއެއް ކޮށްފައި މިވަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވި މަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، ރާއްޖޭގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައި ވުމުންނެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި ރާއްޖެ އަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ރާއްޖެއަށް ދަތުކުރާ ޔޫއޭއީގެ ރައްޔިތުން އިމަޖެންސީ ހާލަތުގައި ގުޅޭނެ ހޮޓްލައިން ނަންބަރެއް ވެސް ވަނީ އެޓްވީޓްއާއެކު އާންމު ކޮށްފައެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ޔޫއޭއީގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ އެގައުމު ތަކުގެ ރައްޔިތުން މިވަގުތު ރާއްޖެއަށް ދަތުރުނުކުރުމަށް އެދިފަ އެވެ. އޭނގެ ތެރޭގައި ރަޝިޔާ، އެމެރިކާ، ޗައިނާ، ޖަރުމަން، އިނގިރޭސިވިލާތް އަދި އިންޑިއާ ހިމެނެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމާއި ގުޅިގެން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މިވަގުތު ރާއްޖެ ވަނީ އައިސްފަ އެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ އަމުރު ހިންގައި ސަރުކާރުން ހިންގަމުން ގެންދާ އަމަލުތަކާ ގުޅިގެން އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ވެރިރަށް މާލޭގައި މެދުނުކެނޑި މުޒާހަރާތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ