ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން 12 މެންބަރުންގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ: ލޯޔަރު ވައްޑެ
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ގައި ނެރިފައިވާ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ. އެ 12 މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުން ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމުގެ ތުހުމަތުގައެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު ލޯޔަރު ވައްޑެ މިއަދު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ މިއަދު 11:30 އެހައިކަންހާއިރު ފެށި އެ އަޑުއެހުމުގައި 12 މެންބަރުން ވެސް ވަނީ ދައުވާ ސާފު ނުވާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ތަފްސީލް ވަކީލުން ދެއްވާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ. އެގޮތުން 12 މެންބަރުންގެ ފަރާތުން ވަނީ މައިގަނޑު ދެ ކަމެއް ފާހަގަކޮށްފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި މެންބަރުން މަޖިލީހުގެ އިދާރާއަށް ވަނުމަށް ހުރަސް ނޭޅޭނެ ކަމަށް ބުނެފައި އޮތުން މިއަދުގެ އަޑުއެހުމުގައި އިޖުރާއީ ނުކުތާއެއް ނަންގަވައި ލޯޔަރު ވައްޑެ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިގެންވާ ހައްގު އަދާކުރުމުގެ ގޮތުން މަޖިލީހުގެ އިދާރާއަށް ވަންނަން އުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ދައުވާ އުފުލާފައިވާކަމަށް މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމަކީ ދިވެހީންގެ އާންމު މަސްލަހަތު ގެއްލި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ޚިލާފް ކަމެއް ކަމަށް ލޯޔަރު ވައްޑެ ވިދާޅުވިއެވެ. ހިތަދޫ އިތުރު ދާއިރާގެ މެމްބަރު އަސްލަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ކޯޓަށް ވަދެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ ލޯޔަރު ވައްޑެ ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ މަތީ ކޯޓަކުން ވަކިގޮތަކަށް އަމުރެއް ނެރެފައިވަނިކޮށް ދަށު ކޯޓަކުން އެ އަމުރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ނުކުތާ މައްސަލަ ރައްދުވާ ފަރާތްތަކުން ނެގުމަށްވުރެން ދައުވާ އުފުލާ ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދައުލަތުގެ ވަކީލުން ވަނީ ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. ދައުވާ ފޯމް ސެޓްގެ ބައެއް މަދުކޮށް ދިފާއީ ވަކީލުންނަށް ލިބުން ޝަރީއަތް ފެށުމުގެ ކުރިން ސިއްރު ނޫން ހުރިހާ ލިޔުންތަކެއް ދެ ފަރާތުން ބަދަލުކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާކަން ފާހަގަކުރައްވައި 12 މެންބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ އެ ބޭފުޅުންނަށް ލިބިފައިވާ ފޯމް ސެޓްގައި އެއް ބައި މަދު ކަމަށެވެ. ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ތަހުގީގު ބަޔާން ނެތްކަން ދިފާއީ ވަކީލުންނަށް ފާހަގަވެފައިވަނީ ދައުލަތުގެ ވަކީލުން އެ ދެ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުންނެވެ. ބައެއް ލިޔުންތައް މަދުވުމުން ދިފާއީ ވަކީލުން ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހެކީންގެ މައުލޫމާތު ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި ޝަރީއަތް ފެށުމަށްފަހު ދެން އެ ފުރުސަތު ދައުލަތަށް ނުދެވޭނެ ކަމަށެވެ. އަދި ބައެއް ލިޔުންތައް މަދުވުމުން ދައުވާ ފުރިހަމަ ނުވާ ކަމަށް ފާހަގަކުރައްވައި އެ ދައުވާ އަނބުރާ ފޮނުވާލުމަށް ވެސް ވަކީލަކު ވަނީ އެދިވަޑައިގެންފައެވެ. ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކޯޓަށް ވަދެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ އައިޝަތު އަޒްލީނާ ވިދާޅުވީ ބައެއް ލިޔުންތައް މަދުކޮށް ފޯމް ސެޓް ތައްޔާރުކޮށްފައި ވަނީ އިދާރީ ގޮތުން އެރި އޮޅުމެއްގެ ސަބަބުން ކަމަށާއި މަދުވި ލިޔުންތައް ދިިފާއީ ވަކީލުންނަށް ދެއްވާނެ ކަމަށެވެ. ދިފާއީ ވަކީލުން ފާހަގަކުރި ދެ ނުކުތާއަށް ގޮތެއް ނިންމުމަށް އިތުރު އަޑުއެހުމެއް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ތިނެއް ޖެހިއިރު މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ. އެ މައްސަލާގައި ދައުވާ ލިބޭ 12 މެމްބަރުންނަކީ: ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ