ފަހު ވަގުތު އިސްމާއިލް މުނީޒް ކާމިޔާބުކުރި ގޯލުން 3-2 އިން އެސްޓީއޯ ރެކްރިއޭޝަން ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ތިން ވަަނަ ފަހަރަށް ހޯދައިފި އެވެ.
އާރްއާރްސީން އެންމެ ފުރަތަމަ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރީ 2021 ވަނަ އަހަރު އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އޭގެ ފަހުން، މިދިޔަ ހަތަރު އަހަރު ފައިނަލުގައި ކުޅެގެން ޖެހިޖެހިގެން ދެ ފަހަރު މި ވަނީ ތަށި ހޯދައިފަ އެވެ. މިދިޔަ ދެ އަހަރު އެ ޓީމުން ތަށި އުފުލާލީ ފައިނަލުގައި އެސްޓީއޯ ބަލިކޮށްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީން އެސްޓީއޯގެ މައްޗަށް ކުރިހޯދީ، 7-5 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ އާރްއާރްސީން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި، މުނީޒް ޖެހި ގޯލުންނެވެ. އެ ޓީމުގެ އިރާން ކުޅުންތެރިޔާ މޮހްސެން މޮތަޒެމީ ދިން ބޯޅައެއް ކޮންޓްރޯލް ކުރުުމަށް ފަހު މުނީޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު، ލީޑުގައި އޮވެ، އާރްއާރްސީ އަށް ހާފު ނިންމައިނުލެވުނެވެ. އެއީ. މި ފަަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ހުސެއިން ޝަރީފް (އޮންލީ) ވަނީ އާރްއާރްސީގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ވައްދާލައިފަ އެވެ.
ދެ ވަނަ ހާފުގައި އާރްއާރްސީ އަށް ލީޑުނަގައިދިނީ ޝަނާން ރަޝާދު އެވެ. މިއީ، އަހުމަދު އަފްލާޒް ދިން ބޯޅައަކުން ޝަނާން ޖެހި ގޯލެކެވެ. އެސްޓީއޯ އިން އެއްވަރުކުރީ ޕެނަލްޓީ އަކުން އިސްމާއިލް އީސާ (މެސީ) ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ އެސްޓީއޯގެ އަލީ ހުމޭޒް ޖެހި ބޯޅައެއް އާރްއާރްސީގެ އާދަމް ނާސިހު (އާދަންނާ) އަތުގައި ޖެހުމުން، ވީޑިއޯ ސަޕޯޓް ބަލަން އެސްޓީއޯ އިން އެދުމުން، އެ އަށް ބަލައިފަ އެވެ.
އެސްޓީއޯ އަށް ލީޑުނަގަން އޮންލީ އާއި ރައުހާން ރިއްފަތަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނުއިރު، ކައުންޓާގައި އާރްއާރްސީގެ އަލީ ހާފިޒު (ހާއްޕެ) އަތުން ވެސް ފުރުސަތުތަކެއް ގެއްލުނެވެ.
މެޗު އެއްވަރުވެގެން ޕެނަލްޓީ އަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބާކީ 32 ސިކުންތު ހުއްޓައި، އަފްލާޒް ދިން ބޯޅައަކުން މުނީޒް ރަނގަޅު ތަނަށް އަރައި ޖެހި ގޯލުން، އާރްއާރްސީން މެޗުން މޮޅުވެ، ތަށި ދިފާއުކުރީ އެެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އާރްއާރްސީގެ ޝަނާން އެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، 12 ލަނޑު ޖެހި ކްލަބް އެމްޓީސީސީގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އުންމީދީ ކުޅުންތެރިއަކަަށް ކްލަބް އެޗްޑީސީގެ މުޒްދާން ހަސަން ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކީ، އެޗްޑީސީގެ އަލީ އަލްސަން އެވެ. ފެއާޕްލޭ ޓީމަކީ އެމްޓީސީސީ އެވެ.
މޮޅު ފަސް ކުޅުންތެރިންނަކީ، އެސްޓީއޯގެ އޮންލީ، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، މުހައްމަދު ޒުހަލް އަދި އާރްއާރްސީގެ ޝަނާން އަދި މޮހްސެން އެވެ.
މި ފަހަރު ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ހޯދީ ކްލަބް ބިނާރާ އެވެ. އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަންކަން އެސްޓީއޯ 5-3 އިން ބަލިކޮށް ހޯދީ އެޗްޑީސީ އެވެ. ދިވެހި ސިފައިންގެ ކްލަބް 3-1 އިން ބަލިކޮށް ކްލަބް ވެމްކޯ އިން ވަނީ އެއިޓީން ތާޓީގެ ތަށި އުފުލާލައިފަ އެވެ. އަދި، ޕެނަލްޓީ ޖަހައިގެން އެލީޓް އެކަޑަމީ ބަލިކޮށް އެސްޕަޔާ އެކަޑަމީން ވަނީ ކިޑްސަލްގެ ޗެމްޕިއަންކަން ހޯދައިފަަ އެވެ.
އާރްއާރްސީން ތިން ވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ