ޖިންސީ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރާނެ ގޮތްތަކުން ފެށިގެން، ބައްޔަކަށް ހުށަހެޅުމަށްފަހު ޓެސްޓުކުރަން މަޑުކުރަންޖެހޭ މުއްދަތާ ހަމައަށް، ގޫގުލްއިން ތިޔަ ހޯދާ ސުވާލުތަކުގެ ޖަވާބުތައް ތިރީގައި އެވަނީއެވެ.
ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބަލިތަކާ ބެހޭ ގޮތުން އާންމުންގެ މެދުގައި ގިނަ ސުވާލުތަކެއް އުފެދިފައި ވާއިރު، މިފަދަ އިންފެކްޝަންތަކުން ރައްކާތެރިވުމަށް ސިއްހީ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެކެވެ. ޖިންސީ ދުޅަހެޔޮކަމާ ގުޅޭގޮތުން މީހުން އެންމެ ގިނައިން އިންޓަނެޓުން ހޯދާ ސުވާލުތަކަށް ބަލާއިރު، އެސްޓީއައި އަދި އެސްޓީޑީގެ ތަފާތަކީ ކޮބައިކަމާއި، ޓެސްޓު ކުރަންޖެހޭ ވަގުތާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
އެސްޓީއައި ނުވަތަ ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަން އާއި އެސްޓީޑީ ނުވަތަ ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިޒީޒްގެ މެދުގައި ކުޑަ ތަފާތެއްވެއެވެ.
ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި، އިންފެކްޝަނަކަށް ބައްޔެއްގެ ނަން ދެވެނީ އޭގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. ނަމަވެސް ގިނަ އިންފެކްޝަންތަކަކީ އެއްވެސް އަލާމާތެއް ނުފެނި ހަށިގަނޑުގައި ހުންނަ އެއްޗެހި ކަމަށްވާތީ، މިހާރު ބޮޑަށް ބޭނުންކުރެވެނީ އެސްޓީއައި މި ލަފުޒެވެ.
މިސާލަކަށް އެޗްޕީވީ ވައިރަސް ހަށިގަނޑުގައި ހުރެފައި އެއްވެސް އަލާމާތެއް ނެތްނަމަ އެއީ އެސްޓީއައި އެކެވެ. ނަމަވެސް އޭގެ ސަބަބުން އުނދަގޫތަކެއްވާނަމަ އެއީ އެސްޓީޑީ އެކެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޑޮކްޓަރަށް ދައްކައިގެން ހަދާ ޓެސްޓުތަކުން ހުރިހާ ބައްޔެއް އެނގޭނެ ކަމަށެވެ.
ނަމަވެސް ހަގީގަތަކީ ކޮންމެ ބައްޔަކަށް ހަދަންޖެހެނީ ތަފާތު ޓެސްޓުތަކެކެވެ. ކްލަމީޑިއާ އަދި ގޮނޯރިއާ ފަދަ ބަލިތައް ކުޑަކަމުދާ ތަކެތިން ދެނެގަނެވޭއިރު، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ބޭނުންވަނީ ލޭގެ ޓެސްޓެކެވެ. އަދި ހާރޕީސް ނުވަތަ އެޗްޕީވީ ފަދަ ބަލިތައް ދެނެގަތުމަށް ހަމުގެ ސާމްޕަލް ނަގަންޖެހެ އެވެ. އެހެންކަމުން، ހުރިހާ ބައްޔަކަށް ޓެސްޓު ކުރަން ބޭނުންވާނަމަ އެކަން ޑޮކްޓަރު ގާތު ސާފުކޮށް ބުނަންޖެހެ އެވެ.
ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ ކޮންޑަމް އަކީ ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ނަމަވެސް، އެއީ 100 ޕަސެންޓު ކަށަވަރު ރައްކާތެރިކަމެއް ނޫނެވެ. ހަމާއި ހަން ޖެހިގެން ފެތުރޭ ބަލިތައް ކަމަށްވާ ހާރޕީސް އަދި އެޗްޕީވީ ފަދަ އިންފެކްޝަންތައް، ކޮންޑަމް ބޭނުންކުރި ނަމަވެސް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
މީގެ އިތުރުން، ޖިންސީ ގުޅުން ހިންގުމަށްފަހު ވަގުތުން ޓެސްޓު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކޮންމެ އިންފެކްޝަނަކަށް ވެސް 'އިންކިއުބޭޝަން ޕީރިއަޑް' އެއް އޮވެ އެވެ. ކްލަމީޑިއާ ފަދަ ބަލިތަކަށް އެއް ހަފުތާ ނުވަތަ ދެ ހަފުތާ މަޑުކުރަންޖެހޭއިރު، އެޗްއައިވީ ފަދަ ބަލިތައް ޓެސްޓުން ދެއްކުމަށް އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ހެޕަޓައިޓިސް ބީ އަދި އެޗްޕީވީ ވެކްސިން ހިމެނެ އެވެ. އެޗްޕީވީ ވެކްސިނަކީ ކެންސަރަށް މަގުފަހިވާ ވައިރަސްތަކުން ރައްކާތެރިކޮށްދޭ މުހިންމު ވެކްސިނެކެވެ.
ގިނަ އެސްޓީއައި ތަކަކީ އެކަށީގެންވާ ފަރުވާ ދީފިނަމަ މުޅިން ފަސޭހަވާ ބަލިތަކެވެ. ނަމަވެސް އެޗްއައިވީ، ހާރޕީސް އަދި ހެޕަޓައިޓިސް ބީ ފަދަ ބަލިތަކަކީ މުޅިން ފަސޭހަ ނުވި ނަމަވެސް ބޭހުގެ އެހީގައި ކޮންޓްރޯލް ކުރެވޭ ބަލިތަކެވެ.
ސިއްހީ މާހިރުން ލަފާދެނީ އަހަރަކު އެއްފަހަރު ނުވަތަ އާ ބައިވެރިއަކާއެކު ގުޅުން ހިންގުމަށްފަހު ޓެސްޓު ކުރުމަށެވެ. ގިނަ ފަހަރަށް އެއްވެސް އަލާމާތެއް ނުފެނި ބަލި ހުރެދާނެތީ، ގަވާއިދުން ޗެކަޕް ހެދުމަކީ އަމިއްލަ ސިއްހަތަށާއި ބައިވެރިޔާގެ ސިއްހަތަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން މިހާރު ގޭގައި ތިބެގެން ހެދޭ ޓެސްޓު ކިޓުތައް ލިބެން ހުރި ނަމަވެސް، ޑޮކްޓަރަކަށް ދައްކައިގެން ފުރިހަމަ ބެލުމެއް ބެލުމަކީ އެންމެ އިތުބާރު ހުރި ގޮތެވެ. ކައިވެނިން ބޭރު ގުޅުންތައް ނުބޭއްވުމަކީ މިފަދަ ބަލިތަކަށް އޮތް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅެކެވެ.
ޖިންސީ ދުޅަހެޔޮކަމާއި އެސްޓީއައި: އާންމުން އެންމެ ގިނައިން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ