ދުނިޔޭގެ ބާޒާރުގައި ފޮނިތޮށްޓަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، މިއަހަރުގެ ތެރޭގައި ފޮނިތޮށީގެ ސިނާއަތުން 300 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް ސްރީލަންކާއިން އަމާޒު ހިފައިފި އެވެ.
ޑިމާންޑު އިތުރުވުމާ އެކު، އެންމެ މަތީ ފަންތީގެ 'އަލްބާ ގްރޭޑް'ގެ ފޮނިތޮށި ކިލޯއެއްގެ އަގު މިހާރު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ސްރީލަންކާގެ ސިނަމަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ޖަނަކަ ލިންދާރަ ވިދާޅުވި ގޮތުގައި، ދަނޑުވެރިންގެ އަތުން އަލްބާ ގްރޭޑްގެ ފޮނިތޮށި ކިލޯއެއް މިހާރު ގަންނަނީ 7،500 ރުޕީސްއަށެވެ. މިއީ މި ބާވަތުގެ ފޮނިތޮށި ކިލޯއެއްގެ އަގު މިހާ މަތިން ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އާދައިގެ ގްރޭޑްތަކުގެ ފޮނިތޮށި ކިލޯއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 4،500 ރުޕީސްގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ފޮނިތޮށި އެކްސްޕޯޓްކޮށްގެން ސްރީލަންކާއަށް 108 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރު ލިބުނު 260 މިލިއަން ޑޮލަރުގެ ރެކޯޑް އާމްދަނީއަށް ފަހު ލިބުނު ބޮޑު ކުރިއެރުމެކެވެ. ސްރީލަންކާގެ 19 ޑިސްޓްރިކްޓެއްގައިވާ 39،500 ހެކްޓަރުގެ ބިމުގައި ފޮނިތޮށި ހައްދާއިރު، އަހަރަކު ގާތްގަނޑަކަށް 25،000 މެޓްރިކް ޓަނުގެ ފޮނިތޮށި އުފައްދައެވެ.
ސްރީލަންކާގެ ފޮނިތޮށި މިހާރު ދުނިޔޭގެ 92 ގައުމަކަށް އެކްސްޕޯޓް ކުރެއެވެ. މީގެ ތެރެއިން އެންމެ ބޮޑު މާކެޓަކީ މެކްސިކޯއެވެ. އެއީ އެކްސްޕޯޓުގެ 60 އާއި 70 ޕަސެންޓާ ދެމެދުގެ މިންވަރެކެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެމެރިކާއަށް 11 އާއި 15 ޕަސެންޓާ ދެމެދުގެ މިންވަރެއް ފޮނުވާއިރު، ޔޫރަޕް، މެދުއިރުމަތި އަދި ޗައިނާގެ މާކެޓްތަކަށް ފޮނިތޮށި ފޮނުވާ މިންވަރު އިތުރުކުރުމަށް ވެސް އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސިނަމަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ސްޓްރެޓީޖިކް ޕްލޭނުގައިވާ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް ފޮނިތޮށި އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ 500 މިލިއަން ޑޮލަރަށް އުފުލުމަށާއި، 2035 އަންނަންވާއިރަށް އެ އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ސިނާއަތް ރެގިއުލޭޓް ކުރާނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާމްދަނީ އިތުރުކުރުމަށްޓަކައި ފޮނިތޮށި ތެލާއި ބޭސްވެރިކަމަށް ބޭނުންކުރާ އުފެއްދުންތައް ފަދަ "ވެލިއު އެޑެޑް" ނުވަތަ އަގު އެއްކުރި ބާވަތްތައް އުފެއްދުމަށް ވެސް ވަނީ އިސްކަންދީފަ އެވެ. މިހާރު އެކްސްޕޯޓް ކުރާ ބާވަތްތަކުގެ ތެރެއިން މިފަދަ އުފެއްދުންތަކުގެ ހިއްސާއަކީ އެންމެ 5 ޕަސެންޓެވެ. ނަމަވެސް މި މިންވަރު 10 އާއި 15 ޕަސެންޓާ ދެމެދަށް އިތުރުކުރެވިއްޖެނަމަ، ދަނޑުވެރިކަން ކުރާ ބިން އިތުރުނުކޮށްވެސް އާމްދަނީ 50 ޕަސެންޓަށް އިތުރުކުރެވޭނެ ކަމަށް އެ ޑިޕާޓްމަންޓުން ލަފާކުރެއެވެ.
މީގެ އިތުރުން، ފޮނިތޮށި ހައްދާ ދަނޑުތަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، ފޮނިތޮށި ތައްޔާރުކުރާ ސަގާފީ ގޮތްތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭ "ސިނަމަން ޓްރެއިލްސް" ފަދަ އެގްރި-ޓޫރިޒަމްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފަ އެވެ.
މި ކުރިއެރުންތަކާއެކުވެސް، މި ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މަސައްކަތްތެރިންގެ އުޖޫރަ ބޮޑުވުމާއި ފޮނިތޮށި މަށާނެ ތަމްރީނުލިބިފައިވާ މީހުން މަދުވުމާއި ގަސްކާނާގެ އަގު ބޮޑުވުން އަދި ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް އުފެއްދުންތައް ތައްޔާރުކުރުމުގައި ހުރި ދަތިތައް ހިމެނެ އެވެ.
ސްރީލަންކާގެ ފޮނިތޮށި ސިނާއަތުން މިއަހަރު 300 މިލިއަން ޑޮލަރުގެ އާމްދަނީއަކަށް އަމާޒުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ