ހަދިޔާ ދޭށެވެ! ލޯބި އިތުރުވާނެއެވެ!

ހަދިޔާ ދިނުމުން ލޯބި އިތުރު ވާނެކަން ޔަޤީނެވެ! އޭގެ އެންމެ ބޮޑު ހެއްކަކީ، ހަދިޔާއެއް ލިބުމުންއަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވާ އުފަލެވެ. ހަދިޔާ ދިނުމުން ދުރު ކައިރިވެއެވެ. ކެނޑި ބުރިބުރިވެފައި ވާ ވާފަށްފަށް އަލުން ގުޅުވެއެވެ. ހަރުވެ ހިލަވެފައި ހުންނަ ހިތް މަޑުވެއެވެ. މީސްތަކުންގެ މެދުގައި ލޯބި އިތުރުވެއެވެ. މި ކަމަކީ ނަބަވީ ހިދާޔަތުގެ ތެރޭ ހިމެނޭ ކަމެކެވެ. ހަދިޔާ ދިނުމަކީ ލޯބި އިތުރުވާ ކަމެއް ކަން ބަޔާންކުރައްވާ، މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގައި އޮވެއެވެ. «تَهَادُوا تَحَابُّوا» (رواه البخاري) މާނައީ: "ތިޔަބައިމީހުން ހަދިޔާ ދީ އުޅޭށެވެ. (އޭރުން) ތިޔަބައިމީހުންގެ މެދުގައި ލޯބި އިތުރުވާހުއްޓެވެ." ހަދިޔާއެއްގެ ނަމުގައި އެއްޗެއް މީހަކަށް ދޭ ދިނުމުގައި އިތުރު ޝަރުތެއް ނުވަތަ ބަދަލުގައި އެއްޗެއް ލިބުމުގެ އުންމީދު އޮތް ނަމަ، އެ އެއްޗެއް ހަދިޔާގެ މަޤާމުން ބޭރުވެހިނގައިދެއެވެ. ނާޖާއިޒު ގޮތުން އަނެކާ ލައްވާ ކަމެއް ކުރުވުމަށް ނުވަތަ އާންމު އުޞޫލުން ބޭރުން އެއްޗެއް ހޯދައިގަތުމަށް ކުރެވޭ ގޯސް ޢަމަލެއް ކަމުގައި ވެގެން ދެއެވެ. އެފަދަ އެއްޗަކީ ހަދިޔާ އެއް ނޫނެވެ. އެއީ ރިޝްވަތެވެ. ރިޝްވަތު ދިނުމުގެ ނުބައިކަމާއި ރިޝްވަތު ހިފުމުގެ ނުބައިކަމާއި ރިޝްވަތުގެ މުޢާމަލާތު ކޮށްދިނުމުގެ ނުބައިކަމުން، މުޖުތަމަޢުތައް މިއަދު މި ވަނީ ރޫޅި މުޅިން ބަރުބާދުވެ ފަސާދަވެފައެވެ. ނަފުރަތާއި ދެކޮޅުވެރިކަން އާންމުވެފައެވެ. ޢަދާވާތްތެރިކަމާއި ނޭއްގާނީކަން އޭގެ އިންތިހާއަށް ގޮސްފައެވެ. ކުދިކުދި ޢާއިލާތަކުގެ ތެރޭ ވެސް އަމާންކަމެއް ނެތެވެ. މި ހުރިހާ ކަމެއް އިޞްލާޙުކޮށް އުޅުންތަކާއި ގުޅުންތައް ހަމަ މަގަށް އެޅުވޭނެ މަންހަޖު މި އޮތީ ކުޑަކުޑަ ފަސޭހަ ނަބަވީ އިރުޝާދެއްގައި ބަޔާން ކުރައްވާފައެވެ. "تَهَادُوا تَحَابُّوا" "ހަދިޔާ ދޭށެވެ! ލޯބި އިތުރުވާނެއެވެ!" ހަދިޔާ ދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގިނަ ފަހަރު ދިމާވާ މައްސަލައަކީ އެ ކަމަށް އަޅުގަނޑުމެން އާދަވެފައި ނެތުމެވެ. ހަދިޔާ ދިނުމުގެ އާދައަކީ ކުޑަދުހުއްސުރެ އަށަގަންނަވަން ޖެހޭ އާދައެކެވެ. ތަމްރީނު ކުރުވަންޖެހޭ ވައްޓަފާޅިއެކެވެ. ދަރިފުޅު ކުޑައިރު ކުދިކުދި ކަރުދާސްކޮޅު ނޫން ނަމަ އެއްވެސް ބޭނުމެއް ނުހިފޭވަރުގެ އެއްޗެތި މަންމައަށް ދީ އުޅެއެވެ. އެ އެއްޗެއްގެ އަހައްމިއްޔަތެއް ނެތެއް ކަމަކު، އޭގައި ހިފާ އެ ލިބުނު ކަމަށް އުފާކޮށް ދަރިފުޅުގެ ރަނގަޅުކަމާއި ދީލަތިކަން ބުނެދީ އެ ކަން ފާހަގަކުރުމުން، ހަދިޔާ ބަދަލުކުރުމުގެ ހުނަރަށް ދަރިފުޅު ހޭނެއެވެ. އޭނާގެ އަތުގައި އޮންނަ ކޮންމެ އެއްޗެއް ވެސް އަނެކާއަށް ދިނުމަކީ އުފަލެއް ކަމުގައި ދެކެވެން ފަށައެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ލޯބި އިތުރު ކުރުމުގެ ނިޔަތުގައި އެކަކު އަނެކަކަށް ހަދިޔާ ދޭ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އެ އާދަ ހަރުލެއްވުމުގެ މަސައްކަތް މިއަދު ފަށާށެވެ! މިއަދުގެ ފުރަތަމަ ހަދިޔާ މަންމައަށް ދޭން ހިނގާށެވެ! ކުޅަދާނަ ވީ ވަރަކުން މި ކަން އާދަކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ